ފުލުހުންގެ ޚިދުމަތުގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ.ހިންނަވަރާއި ނައިފަރުގައި ހިންގި ޑްރަގްގެ އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ޑްރަގު ހޯދައި ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭ ގޮތަށް 12 ތަނެއް ބަލައިފާސްކޮށް މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ހޯދާފައިވާ ކަމަށެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމް ކަމަށް ފުލުހުން ބުންޏެވެ.
އޭގެ އިތުރުން 293000 ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި ފަސް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރެގައި ހިމެނެނީ 4 ފިރިހެނުންނާއި އަންހެނެއް ކަމަށެވެ.
ހައްޔަރުކުރި މީހުން:
- ޅ. ހިންނަވަރު / އަގީދުގެ، ޙުސައިން އީސާ ފުޅު (48އ)
- ޅ. ހިންނަވަރު / މިދިލިމާގެ، އަޙްމަދު މުޙައްމަދު (36އ)
- ޅ. ނައިފަރު / ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ (46އ)
- ޅ. ހިންނަވަރު / ފެހިގެ، މުޙައްމަދު އިރުޝާދު (35އ)
- އދ. މަހިބަދޫ / ކުޅިބަލާގެ، ފާޠިމަތު ރީމާ (44އ)
މި 5 މީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން އީސާ ފުޅާއި އަޙްމަދު މުޙައްމަދު 7 ދުވަހަށް އަދި ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް،
ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި ފާޠިމަތުު ރީމާ 12 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާއިރު، މުޙައްމަދު އިރުޝާދު 3 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

