ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރަމުންދާ މައްސަލާގައި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބް ޝަހީމްގެ ފޯނު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ފުލުހުންގެ ނަމުގައި ސައްހަ ނޫން ބަޔާނެއް ދައުރުކުރަމުންދާ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ޠައްޔިބު ފޯނާއި އިލެކްޓްރޯނިކްސް ބައެއް ތަކެތި ހިފަހައްޓާފައިވާ ކަމަށެވެ.
މައުލޫމާތު ލިބޭ ގޮތުން ޠައްޔިބްގެ ފޯނުގެ އިތުރުން ލެޕްޓޮޕަކާއި ހާޑް ޑްރައިވްއަކާއި 5 ޕެންޑްރައިވް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެ ހަފުތާއެއް ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓުކަމަށް ބުނެ ދައުރުކުރަމުންދަނީ ސައްހަ ނޫން ރިޕޯޓެއް ކަމަށެވެ.
އެ ރިޕޯޓަކީ ފުލުހުންގެ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާ ފޯމެޓް ކޮޕީކޮށްގެންނާއި އަދި ފުލުހުންގެ ބައެއް އިސް ވެރިންގެ ސޮއި ފޯޖުކޮށްގެން އުފައްދާފައިވާ އަދި އެކި ގޮތްގޮތުން ބަދަލު ގެނެސް އުފައްދާފައިވާ ސައްހަ ނޫން ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ކަމަށާއި ރިޕޯޓު އުފައްދައި ދައުރު ކުރަމުންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

