ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިިކަލު ދުއްވި މީހަކު ފިލަން އުޅެނިކޮށް ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ރޭ 1:20 ހާއިރު ރަސްފަންނު ކައިރިން ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ސައިިކަލު ދުއްވުމުން މަޑުކުރަން އިޝާރަތްކުރުމުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ސައިކަލު މަޑުނުކޮށް ދާން އުޅުނު މައްސަލާގައި ހައްޔަރުކުރީ މއ.ހިތްތަލަވިލާ އާދަމް ޒިދާން (23އ) ކަމަށެވެ.
އޭނާ ދުއްވި ސައިކަލު ޓޯކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ އަމުރަށް ނުކިޔަމަންތެެރިވެ އޭނާ ސައިކަލު މަޑުނުކޮށް ދާން އުޅުމުގެ ތެރޭގައި ފުލުހެއްގެ ގައިގައި ސައިކަލުން ޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

