ރާއްޖޭގެ އެންމެ މަޤްބޫލް ފިލްމް “ކަމަނާ” މިރޭ ތިނަދޫ ސިޓީގައި އެޅުވުމަށް ހަމަޖެހިފައިވާއިރު، މިރޭގެ ޝޯގައި ބައިވެރިވުމަށް މަޝްހޫރު ތަރި އަދީ ކަމަނާ ފިލްމްގެ ލީޑް އެކްޓަރ ޔޫސުފް ޝަފީޢު (ޔޫއްޕެ) ތިނަދޫއަށް ދާގޮތަށް ހަމަޖެހިއްޖެއެވެ.
ޔޫއްޕެ ތިނަދޫ އަށް ދާގޮތަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރު އެވެ.
“ކަމަނާ “ އަކީ އަންބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ހިސާބު ދައްކުވައިދޭ ޙަޤީޤީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ.
މާލޭގައި ހުރިހާ ޝޯއެއް ހައުސްފުލްކޮށް ދައްކަމުން ދާއިރު، ތިނަދޫގައި 2 ޝޯ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ 2 ޝޯގެ ވެސް މިހާރުވަނީ ހައުސްފުލްވެފައެވެ.
ކަމަނާ ވެގެން ދާނީ، ރާއްޖޭގެ އެންމެ ގިނަ ރަށްތަކެއްގައި އަޅުވާ ފިލްމަކަށެވެ. އަދި ރާއްޖޭގެ ތާރީޚުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދާނެ ފިލްމަށްވެސް ކަމަނާ ވެދާނެއެވެ.

