ސޯޝަލް މީޑިއާގައި ހިންގާ ބަރަހަނާ ޗެނަލްތަކަށް ވެދެ ތިބޭ މީހުން ހޯދާ އެމީހުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފި އެވެ.
ބަރަހަނާ ޗެނަލްތަކުގެ މައްސަލައާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ ސައިބާ ކްރައިމް ސެންޓާގެ ހެޑް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހު ވިދާޅުވީ، ސޯޝަލް މީޑިއާގައި ހިންގާ ބަރަހަނާ ޗެނަލްތަކަށް ވަދެ ތިބުމަކީ ކުށެއްކަމަށެވެ. އެހެންކަމުން އެކަން ކުރާ މީހުން ހޯދައި، ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅާނެކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން ވަނީ ބަރަހަނާ ފޮޓޯ އާއި ވީޑީއޯ ހިއްސާކުރަމުންގެންދިޔަ 571 ޓެލެގްރާމް ޗެނަލް ހުއްޓުވައި، ތިން މީހަކު ވަނީ ހައްޔަރުވެސްކޮށްފަ އެވެ. އަދި ޗެނަލްތައް ބަންދުކުރިއިރު، 34680 މީހުން ފައިސާ ދައްކައިގެން އެ ޗަނަލްތަކުގައި ތިބިކަމަށް ފުލުހުން ބުނެ އެވެ.
މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުން ސަބްސްކްރިޕްޝަން ފީގެގޮތުގައި ދެ މިލިޔަނެއްހާ ރުފިޔާގެ އާމްދަނީއެއް ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
މީގެއިތުރުން، ސޯޝަލް މީޑިއާގައި ހިންގާ ބަރަހަނާ ޗެނަލްތަކުގެ ޝިކާރައަކަށް ވެފައި ތިބި ފަރާތްތަކުން ފުލުހުންނަށް ގުޅާ އެ މައުލޫމާތު ހިއްސާކުރުމަށްވެސް ފުލުހުން އެދިފައިވެ އެވެ.

