ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް އެމްޕޮކްސް ޓެސްޓު ކިޓުތަކެއް ހަދިޔާކޮށްފި އެވެ.
ޑަބްލިޔުއެޗްއޯގެ ފަރާތުން ހެލްތު މިނިސްޓްރީއާ މި ޓެސްޓް ކިޓްތައް ހަވާލުކޮށްދެއްވީ މެޑިކަލް އޮފިސަރު ޑރ. ޕަޑްމަލް ޑި ސިލްވާ އެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ޓެސްޓް ކިޓުތަކާ ހަވާލުވެވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް އެވެ.
އެމްޕޮކްސްއަށް ޓެސްޓް ކުރެވޭނީ އައިޖީއެމްއެޗް ހޮސްޕިޓަލުން ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެ އެވެ. އެކަމަކު އެމްޕޮކްސްއަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގެ މީހުންދިރިއުޅޭ ހުރިހާ ރަށަކުން ވެސް ސާމްޕަލްނެގޭނެގޮތް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އާންމުކޮށް އެމްޕޮކްސް ފެތުރެނީ އެފްރިކާގެ މެދުތެރެއާއި ހުޅަނގު އެފްރިކާގެ ފަޅު ސަރަހައްދުތަކުގަ އެވެ. ވައިރަލް އިންފެކްޝަނެއް ކަމަށްވާ މިބަލި ފުރަތަމަ ފެނިފައިވަނީ ޖަނަވާރުންގެ ގައިންނެވެ.
މި އަހަރު މިހާތަނަށް އެމްޕޮކްސްގެ ކޭސްތައް ރިޕޯޓު ކޮށްފައިވާ އަދަދު މިދިޔަ އަހަރަށްވުރެ ބޮޑަށް އިތުރުވެފައިވާކަމަށް ޑަބްލިއުއެޗްއޯއިން ހާމަކުރެ އެވެ. މިއާއެކު އެ ޖަމިއްޔާއިން ވަނީ މިދިޔަ މަހު ސިއްހީ ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފަ އެވެ.

