މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަންފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށާއި، 2021 ވަނަ އަހަރުންފެށިގެން މިއަދާއި ހަމައަށްއޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށެވެ.
މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
"މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި 4000 ރުފިޔާ ބޮލަކަށް ޖެހޭ. 2024 ވަނަ އަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު" މިނިސްޓްރީ
2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ. މިއީ ޖުމްލަ 16,781610.99 ރުފިޔާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

