މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
މި މައްސަލައިގައި ޑައިމޯފިން ބޭނުންކުރުމުގެ ދައުވާ އުފުލާފައިވަނީ ށ. މިލަންދޫ، ބުލޫހައުސް، ޔޫސުފް ހުސާމްގެ މައްޗަށެވެ.
ފުލުހުންނާ ހަވާލާދީ ދައުވާގައި ބުނެފައިވަނީ، 2019ވަނަ އަހަރުގެ މެއި 18 ވަނަ ދުވަހުގެ ރޭ 21:45 ހާއިރު، ރ. ހެރެޓަންސް އާރަށް ރިޒޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ މީހަކު މަސްތުވާތަކެތު ގެންގުޅޭ ކަމުގެ ރިޕޯޓެއް އެ ރިޒޯޓުގެ ފަރާތުން ފުލުހުންނަށް ލިބުނު ކަމަށެވެ.
ދައުވާގައި ވާ ގޮތުން ފުލުހުން އެ ރަށަށް ދިޔައިރު، ހުސާމް އިނީ އެ ރިޒޯޓުގެ ސެކިއުރިޓީ ރޫމުގައި ރަސްލީ ބްރޭންޑުގެ ސުޕާރީ ފޮށްޓެއް ހިފައިގެންނެވެ. އަދި އެ ފޮށި ބަލައިފާސްކުރިއިރު، އޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ދެ ރަބަރު ޕެކެޓުގައި ޑައިމޯފިން ހުރި ކަމަށް ދައުވާގައި ބުނެފައިވެ އެވެ.
މި މައްސަލައިގެ ހުސާމް ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދި ގާޒީއަށް ލިބިދޭ އިހްތިޔާރުގެ ދަށުން އެ މައްސަލައިގައި ދެވެން އޮތް އެންމެ ކުޑަ އަދަބު ކަނޑައަޅައިދިނުމަށް އޭނާގެ ފަރާތުން ކޯޓުގައި އެދުނެވެ.
ހުސާމް ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ، ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވުމުން ކްރިމިނަލް ކޯޓުން ހުކުމްކުރީ އޭނާ ތިން އަހަރަށް ޖަލަށްލުމަށެވެ.
މަސްތުވާތަކެއްޗާބެހޭ ގާނޫނުގައި ޑައިމޯފިން ބޭނުންކުރުމުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ ތިން އަހަރުގެ ޖަލު ހުކުމެވެ. އަދި އެ ބާވަތުގެ މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމާއި އެ ކަމުގައި އެހީތެރިވުމުގެ ކުށަށް ދޭ އަދަބަކީ 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު 75,000 ރުފިޔާއިން ފެށިގެން 7,500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.

