ހުޅުމާލޭ ފޭސް 2 ގައި ކަފިހިހުރަސްމަތިން މަގު ހުރަސްކުރަމުންދިޔަ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ ކަފިހި ހުރަސް މަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ ރިޕޯޓު ލިބުނު ކަމަށެވެ. އެހެންނަމަވެސް، މި ހާދިސާގައި ސައިކަލުގައި އިން މީހާއާއި ހިނގާފައި ދިޔަ ފަރާތާ ދެމެދު ވާހަކަ ދައްކައި މައްސަލަ ހައްލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ދެފަރާތުން މައްސަލަ ފުލުހުންނަށް ހުށަހަޅައި މައްސަލަ ހުށަހަޅަން ބޭނުން ނުވާ ކަމަށާއި، ދައުވާ ކުރަން ވެސް ބޭނުން ނުވާ ކަމަށް ބުނި ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މިފަހަކަށް އައިސް އެކްސިޑެންޓުތައް ގިނަވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ޚާއްޞަކޮށް ވޭތުވެދިޔަ ތިން ހަތަރު ދުވަސް ތެރޭގައި ހަތް ވަރަކަށް އެކްސިޑެންޓުގެ ހާދިސާ ވަނީ ހިނގާފައެވެ.
މި ހާދިސާތަކުގެ ތެރެއިން އެއް އެކްސިޑެންޓުގައި ސައިކަލަކާއި ކާރެއް ޖެހުނު ހާދިސާގައި ސައިކަލުގައި އިން ޒުވާނާ ވަނީ ނިޔާވެފައެވެ. މި ހާދިސާތަކާ ގުޅިގެން މަގުމަތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުންގެ ޓްރެފިކްގެ ކަންކަން އިތުރަށް ފުޅާކޮށް ފުލުހުންގެ ހަރަކާތްތައް ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

