އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި އުޅެމުން އައި 18 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އާންމު ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއް ނެތި، ގަވާއިދާ ޚިލާފަށް މާލެ ސަރަހައްދުގައި ދިރިއުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މި މަހުގެ 10 ވަނަ ދުވަހު އިމިގްރޭޝަނުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
މި އޮޕަރޭޝަނާގުޅޭ މައުލޫމާތު ހިއްސާކުރަމުން އިމިގްރޭޝަނުން މިއަދު ބުނީ މި އޮޕަރޭޝަންގައި އިއްޔެ މާލޭގެ 08 ގެއެއް ބަލައި ފާސްކޮށް، 18 ބިދޭސީއަކު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި މީގެކުރިން ވަނީ މާލޭގެ 03 ގެއެއް ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަން ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އެފަދަ ތަންތަން ބިދޭސީންނަށް ކުއްޔަށްދޭ މީހުންނަށް ފިޔަވަޅުއަޅާނެ ކަމަށް ވެސް އިމިގުރޭޝަނުން ވަނީ ބުނެފައެވެ.
ހަމައެހެންމެ މި އޮޕަރޭޝަންގައި މާލެ ސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ހުރިހާ ގެއެއް ނުވަތަ އެކޮމޮޑޭޝަނެއް ބަލައި ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ.

