ސްނެޕްޗެޓަކީ ރައްކާތެރި އެޕެއް ކަމަށް ހީކޮށް ފާޑުފާޑުގެ ފޮޓޯތައް ނުފޮނުވުމަށް ފުލުހުުންގެ ހިދުމަތުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ހެޑް އޮފް ސައިބާ ކްރައިމް ސެންޓަރުގެ ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ސަމީހު ވިދާޅުވި ގޮތުގައި، ފޮޓޯތައް ލީކުކޮށްފަދަ ކަންކަން ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ.
ސަމީހު ވިދާޅުވީ ސްނެޕްޗެޓް ކަހަލަ ޕްލެޓްފޯމްތަކުން ފޮޓޯ ފޮނުވުމުން ޑިލީޓްވާކަމަށް ގަބޫލުކޮށް، އެއީ ރައްކާތެރި އެއްޗެއް ކަމަށް ހީކޮށް ފޮނުވާ ފޮޓޯތައް ވެސް ރެކޯޑް ކުރެވޭނެ ވަސީލަތްތައް އެބަހުރި ކަމަށެވެ. އެހެންކަމުން އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުންކޮށްގެން އެކި ޕްލެޓްފޯމް މެދުވެރިކޮށް އެފަދަ މަންޒަރުތައް ނުފޮނުވުމަށް އޭނާ ވަނީ އިލްތިމާސްކޮށްފަ އެވެ.
މީގެއިތުރުން ކުޑަކުދިން މޮބައިލް ޑިވައިސްތައް ބޭނުންކުރާ އިރު، އެ ކުދިން އެ ބޭނުންކުރާ ގޮތް ބެލެނިވެރިން ބަލަން ޖެހޭކަމަށް ސަމީހު ވިދާޅުވި އެވެ. އަދި ހާއްސަކޮށް ސޯޝަލް މީޑީއާ ފަދަ އެކިއެކި ޕްލެޓްފޯމްތަކަށް އެކްސެސް ދޭއިރު، ކޮންމެހެން ދޭން ޖެހޭ އެކްސެސް ނޫނީ ކުޑަކުދިންނަށް ނުދިނުމަށް ވެސް އޭނާ އެދިފައިވެ އެވެ.
ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިމެނޭ ޗެނަލްތަކެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު، އޭގެ ތެރޭގައި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ފޮޓޯތައް ވެސް ހިމެނެ އެވެ.

