އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އީސީގެ މެންބަރުކަމަށް ހުޅުވައިލީ އެ ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ހުންނެވި ކޮމިޝަނުގެ ރައީސް ފުއާދު ތަޢުފީޤްގެ ދައުރު ހަމަވާތީއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 23 ސެޕްޓެމްބަރު ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައިފައިވާ ކަމަށެވެ.
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސް ދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އީސީގެ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ވެސް ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

