މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ގާއިމުކުރާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އާރުޑީސީން ބުނި ގޮތުގައި މިހާރު ލެގޫންސް ފުޓްސަލް ދަނޑު ކައިރީގައި ޕަންޕް ސްޓޭޝަންގެ ވެލްވް ޗެމްބަރާއި ޕެނަލް ބޯޑު ހަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، މި މަސައްކަތް ކުރިއަށްދަނީ ކޮންސްޓްރަކްޝަން މިނިސްޓްރީ އާއި އާރުޑީސީއާ ގުޅިގެންނެވެ.

މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ގާއިމުކުރާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް…… ފޮޓޯ: އާރްޑީސީ
އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫޢުއަކީ ވާރޭވެހޭ މޫސުމުގައި މާލޭގައި ދިމާވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ މަޝްރޫޢު ތަކުގެ ތެރެއިން ހާއްސަ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން އަމީނީމަގުގައި ގާއިމުކުރެވޭ ޕަމްޕް ސްޓޭޝަންތަކުގެ ޕެނަލް ބޯޑު ހަރުކުރުމާއި ޕަމްޕް ސްޓޭޝަންގެ އެހެނިހެން މަސައްކަތް މިވަގުތު ލެގޫންސް ފުޓްސަލް ދަނޑު ޕާކިންގ ޒޯނާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ސަރަހައްދުގައި ދަނީ ކުރެވެމުންނެވެ.

މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ގާއިމުކުރާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް…… ފޮޓޯ: އާރްޑީސީ
ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ ހަރަދުކޮށްގެން އަމީނީ މަގު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރު ޖުލައި މަހުގެ ކުރީކޮޅުގައެވެ. އަދި އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައެވެ. ކުރީގެ ސަރުކާރުން މި މަސައްކަތް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނިންމަން މަސައްކަތް ކުރި ނަމަވެސް، ވެރިކަން ނިމުނީ އެ މަސައްކަތް ނުނިމިއެވެ.

މާލޭގެ އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ ދަށުން ގާއިމުކުރާ ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް…… ފޮޓޯ: އާރްޑީސީ
ބޯކޮށް ވާރޭވެހޭ ދުވަސްތަކުގައި އަމީނީމަގަކީ ވެސް ފަސޭހައިން ފެންބޮޑުވާ މަގެކެވެ. އެހެންކަމުން، ސަރުކާރުން ހަވާލުކުރިގޮތަށް އާރްޑީސީން ވަނީ އެ މަގު ޒަމާނީ ފެންވަރަށް ތާޅު އަޅައި ފެން ހިނދޭ ވަސީލަތްތަކާއިއެކު ތަރައްގީ ކުރުމުގެ މަސައްކަތް ފަށާފައެވެ.
މި މަޝްރޫޢު ނިމުމުން މާލޭގެ މުހިންމު މަގެއް ކަމުގައިވާ އަމީނީމަގުގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުވެ، ރައްޔިތުންނަށް ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

