ހުޅުމާލޭ މަގުތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ ތަކެތި ނަގަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެޗްޑީސީއިން ނެރުނު އިއުލާނެއްގައި ބުނީ ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި ދުވާރު މަތީގައި ބަހައްޓާފައިވާ ތަކެތި ނަގައި އެ ސަރަހައްދުން ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި ފަރާތްތަކާއެކު ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް އިތުރަށް ފުޅާކޮށް، ހުޅުމާލެ ފޭސް 1 އަދި 2 ގެ ހުރިހާ މަގުތަކެއްގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ މުދަލާއި ތަކެތި ނެގުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން މަގުތަކުގައި ގަވާއިދާ ޚިލާފަށް ބަހައްޓާފައިވާ މުދަލާއި ތަކެތި މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން ނެގުމަށް ވަނީ އަންގާފައެވެ.
މި މުއްދަތުގެ ތެރޭގައި ނުނަގައިފިނަމަ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ތަކެތި ނެގުމުގެ މަސައްކަތް މި މަހުގެ 20 އަދި 21 ވަނަ ދުވަހު ކުރިއަށްގެންދާނެ ކަމަށާއި އެ މަސައްކަތުގެ ތެރޭގައި މުދަލަށް ލިބޭ ގެއްލުމަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ.

