މާލެ، ޓްރެފިކް ޕޮލިސް އޮޕަރޭޝަންސްގެ ފުލުހުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މި ޕްރޮގްރާމް ކުރިއަށްގެންދަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މިހާރު ފުލުހުން ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މަސްދުވަހުގެ މުއްދަތަށެވެ.
ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފަރާތުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކުރުމަށް މުވައްޒަފުންނަށް ބޭނުންވާ މައުލޫމާތުދޭނެ ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާނެ މުހިންމު މައުލޫމާތުތަކާއި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކާ ކުރިމަތިލައި އެކަންކަން ހައްލުކުރާނެ ގޮތުގެ މައުލޫމާތާއި ގަވާއިދާ ހިލާފަށް އުޅަނަދު ދުއްވާ މީހުން ހުއްޓުވައި ބަލައި ފާސްކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކުރާނެއެވެ. އަދި އުޅަނދު ދުއްވުމުގައި ފުލުހުން ވެސް ސަމާލުކަންދޭންޖޭ ކަންކަމާއި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް މައުލޫމާތު ހިއްސާކުރާނެއެވެ.
ފުލުހުން ބުނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް މިހާރު ފަށާފައިވާ ޚާއްސަ މަސައްކަތްތަކުގެ ތެރެއިން، މަގުމަތީގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ރައްޔިތުންނަށް ނަސޭހަތްތެރިވެ، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން ގެންދާނެ ކަމަށެވެ.

