”ކ.މާލެ” މި ގޮތަށް ލިއުމަކީ އަދި ކިއުމަކީ ވެސް ގާނޫނުއަސާސީގައި އޮންނަ ގޮތާ ޚިލާފަށް ކުރާ ކަމެއް ކަމަށާއި ލިޔަން އަދި ކިޔަން ޖެހޭނީ ހަމައެކަނި ”މާލެ” ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ގާނޫނުއަސާސީގެ 14 ވަނަ ވަނަ މާއްދާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށް ކަމަށެވެ.
މިކަން ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތްއިރު، ވެރިކަން ކުރާ ރަށަކީ ”ކ.މާލެ” ކަމަކަށް ބަޔާންކޮށްފައެއް ނޯންނަ ކަމަށާއި ގިނަ ރަސްމީ ލިޔުންތަކުގައި ވެސް އެހެން ލިޔެފައެއް ނޯންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކ.އަތޮޅުގައި އޮތް ނަމަވެސް މާލެއަކީ ރާއްޖޭގެ ވެރިކަން ކުރާ ރަށަށްވާތީ މާލެ ލިޔާއިރު ކުރިއަށް ކ އިތުރުކޮށް، ކ.މާލެ ލިޔެއެއް ނޫޅޭ ކަމަށެވެ.
އެހެންވީމާ ކ.މާލެ ލިއުމަކީ އަދި ކިއުމަކީ ވެސް ގާނޫނުއަސާސީގައި އޮންނަ ގޮތާ ޚިލާފަށް ކުރާ ކަމެކެވެ. މިނިސްޓަރުގެ ޕޯސްޓުގައިވެއެވެ.
މިނިސްޓަރު ވިދާޅުވީ މިހާރަކަށް އައިސް ކ.މާލެ ލިއުމާއި ކިއުން އަންނަނީ އިތުރުވަމުން ކަމަށެވެ. އަދި މިއީ ކުޑަކަމެއް ނޫން ކަމަށާއި ރަނގަޅުކުރަންޖެހޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

