ބަލިމަޑުކަމާއި، ފަގީރުކަމާ ކުރިމަތިވުމަކީ الله تَعَالَىގެ ސުންނަތެއް ކަމަށާއި، އީމާންވެގެންވާ އަޅާ މި ކަންކަމާ ކުރިމަތިލާން ޖެހޭ ކަމަށް މިއަދުގެ ޙުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ އަލިއަޅުވާލާފައިވަނީ ރަސޫލުބޭކަލުންގެ ޙަޔާތްޕުޅުގެ މައްޗަށެވެ.
ޚުތުބާގައި ބުނެފައިވަނީ ދުނިޔޭގެ ޙަޔާތުގައި އިންސާނާ، ދުޅަހެޔޮކަމާއި ބަލިމަޑުކަމާއި، އުފަލާއި ހިތާމައާއި، މުއްސަނދިކަމާއި ފަޤީރުކަމާ ކުރިމަތިލާންޖެހުމަކީ الله تَعَالَىގެ ސުންނަތެއް ކަމަށާއި، އެއީ އެކަލާނގެ އިރާދަފުޅެއް ކަމަށެވެ.
"الله تَعَالَىއަށް ފުރިހަމައަށް އީމާންވެގެންވާ ތެދުވެރި މުސްލިމް އަޅާ މި ކަންކަމާ ކުރިމަތިލާން ޖެހޭ. ކެތްތެރިކަމާއި، ހިތްހަމަޖެހުމާއި، ދުޢާކުރުމާ އެކުގައި ދެމިހުންނަންޖެހޭ. އެ ކަންކަން އެ ގޮތުގައި ހިނގަމުންދަނީ الله تَعَالَىގެ މަތިވެރިވެގެންވާ ޙިކުމަތެއްގެ މަތީން. އުނދަގޫ ކަމަކަށް ފަހު ލުއި ކަމެއް ގެނެސްދެއްވާނެކަމަށް އެކަލާނގެ ވަޢުދުވެވޮޑިގެންވާކަން މުސްލިމް އަޅާ ޔަޤީންކުރާތީ. މި ދުނިޔޭގައި މި ފަދަ އިމްތިޙާންތަކާ އެންމެ ބޮޑަށް ކުރިމަތިލައްވަން ޖެހިވަޑައިގަތީ الله سُبْحَانَهُ وَتَعَالَى ފޮނުއްވެވި ރަސޫލުބޭކަލުންނަށް ކަމަށް" ޚުތުބާ
ކެތްތެރިވުމުގެ ސަބަބުން ބޮޑުވެގެންވާ ނުތަނަވަސްކަމާއި ދަތި ޙާލުން އައްޔޫބުގެފާނު ސަލާމަތްކޮދެއްވީ ގޮތް ވިސްނައި ފިކުރުކުރަން ޖެހޭ ކަމަށާއި، އައްޔޫބުގެފާނުގެ ބަލީގެ ޝިފާއެއްކަމުގައި الله تَعَالَى ލެއްވެވި ފެންއާރުން ނާނޭފުޅުފިއްލަވައި ފެންފޮދު ހިއްޕެވުމުން އެކަލޭގެފާނު ކުރީން ހުންނެވި ރިވެތި ފުރިހަމަ ސޫރައާއި ދުޅަހެޔޮކަމަށް އަނބުރާ ރުޖޫއަވެވުނު ކަމަށްވެސް ބުނެފައިވެއެވެ. އަދި އެކަލޭގެފާނަށް ކުރީން ލިބިވަޑައިގަތް ދަރީންގެ އަދަދަށް ވުރެ ގިނަ ދަރީންނާއި މުދަލާއި ތަނަވަސްކަން ވެސް ލިބުނު ކަމަށެވެ.
އައްޔޫބުގެފާނުގެ ވާހަކައިން ލިބޭ ފިލާވަޅަކީ މުޞީބާތުގެ ވަގުތުގައި ކެތްތެރިވެ، ދުޢާކުރުމާއި، ކުޅަދާނަވީ މިންވަރަކަށް އަޅުކަމުގައި ދެމިހުރުމުގެ މުހިއްމުކަން ކަމަށާއި، ޝިފާލިބުމާއި، ކާމިޔާބުލިބުން ވަނީ ﷲގެ ހަޟުރަތުންކަމެވެ. ކެތްތެރިވެ ސާބިތުކަމާ އެކު ދެމިހުރެއްޖެ ނަމަ ލިބޭ ކާމިޔާބުގެ މަތިވެރިކަންވެސް ވަނީ ފާހަގަ ކޮށްފައެވެ. އެކަލޭގެފާނުގެ މުޅި ހަށިކޮޅުގެ ހުރިހައި ގުނަވަންތަކެއް ވޭނާއި ކެކުޅުމުގައި ވީ ހިނދު ވެސް އެކަލޭގެފާނު الله تَعَالَىއަށް ޛިކުރުކުރުމާއި އަޅުކަން ކުރުމުގައި ދެމިހުންނެވިކަންވެސް ވަނީ ފާހަގަވެގެން ގޮސްފައިވާ ކަމަށެވެ
" އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ބަލިމަޑުކަމެއް ނުވަތަ ދަތި އުނދަގޫތަކެއް ދިމާވެއްޖެ ނަމަ ނަމާދުކުރުމާއި އަދި އެ ނޫން ވެސް އަޅުކަންތަކާ ދުރުހެލިވެ ފެޔަށް ޖެހުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ބަލާ. އެކަންކަމާއި ދުރަށް ދާތަން ފެންނަކަމީ ހިތާމަކުރާން ޖެހޭ ކަމެއް، އަދި ބައެއް ފަހަރު ދިމާވާ ދަތި އުނދަގޫތަކަށް ކެތްތެރިނުވޭ. ނޭދެވޭ ބަސްތައް ބުނެ، އަތުންފައިން ގޯސްހަދާ ތަން ފެންނަނީ މަދެއްކޮށެއްނޫން" ޚުތުބާ
އައްޔޫބުގެފާނުގެ ވާހަކައިން ލިބިދޭ އަނެއް ފިލާވަޅަކީ، الله تَعَالَىއަށް އީމާންވެގެން ތިބިކަމުގައި ވީނަމަވެސް މި ދުނިޔޭގެ ޙަޔާތުގައި އެކަލާނގެ އިންސާނާ އިމްތިޙާނު ކުރައްވާނެކަން ކަމަށެވެ. އެހެންކަމުން އެކަލާގެއަށް އީމާންވުމަށާއި، ކެތްތެރިކަމާއެކު އަޅުކަން ކުރުމުގައި ދެމި ހުރުމަށެވެ.

