ސެޕްޓެންބަރު 11 ވަނަދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ އަންހެން މީހާ ފޭރިފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39އ) ކަމަށެވެ. އޭނާ ކޯޓު އަމުރެއްގެ ދަށުންވަނީ ހައްޔަރުކޮށްފައި ކަމަށްވެސް ފުލުހުން ބުނެއެވެ.
“އަންހެން މީހާގެ އަތުން މި ތަކެތި އޭނާ ފޭރިފައިވަނީ ސައިކަލެއްގައި ދަމުން. އެ ސައިކަލަކީ ވެސް ވަގަށް ނަގާފައިވާ ސައިކަލެއްކަން އެނގިފައިވޭ. އޭނާ ފޭރުނު ވޮލެޓާއި ފޯނު ފުލުހުންވަނީ ހޯދާފަ” ފުލުހުން
ފުލުހުން ބުނީ އަދި އިސްމާޢީލް ސާއިފް ދުއްވި ސައިކަލު ވެސް ވަނީ ފުލުހުންގެ ބެލުމުގެދަށަށް މިހާރު ގެންގޮސްފައި ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

