ބަރަހަނާ މަންޒަރުތައް ވިއްކި ޓެލެގްރާމް ޗެނަލްތަކަށް ސަބްސްކްރައިބްކުރި މީހުންނަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިފަދައިން ބުނެފައިވަނީ ޓެލެގްރާމްގައި ގިނަ އަދަދެއްގެ ޗެނަލް ހަދައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެކި މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ، އެ ޗެނަލްތައް މެދުވެރިކޮށް ޕޯސްޓުކޮށް ވިޔަފާރީގެ އުސޫލުން މާލީ މަންފާ ހޯދަމުންގެންދާ މައްސަލައާ ގުޅިގެން ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހިންގި ޚާއްސަ އޮޕަރޭޝަނާ ގުލޭ މައުލޫމާތު ދެއްވަމުންނެވެ.
ފުލުހުން ވިދާޅުވީ މިކަމުގައި އެއްވެސް ވަރަކަށް ފަހަތަކަށް ނުޖެހޭނެ ކަމަށާއި އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެ ކަމަށެވެ. އަދި ވީޑިއޯ ސަބްސްކްރައިބްކޮށްފައިވާ ފަރާތްތަކާއި ފޮޓޯ ހޯދަން އުޅުނު މީހުންނާ ދޭތެރޭވެސް ފިޔަވަޅު އަޅާނެ ކަމަށެވެ.
ފުލުހުން ވަނީ މި މައްސަލައިގައި 14 އިލެކްޓްރޯނިކް ޑިވައިސެއް ބަލާފައެވެ. އެގޮތުން މި ތިން މީހުންގެ ޑިވައިސްތަކުން 9 ޓެލެގްރާމް އެކައުންޓާއި 571 ޓެލެގްރާމް ޗެނަލާއި 27 ގޫގަލް އެކައުންޓާއި 26 ފޭސްބުކް އެކައުންޓާއި 3 ވަޓްސްއެޕް އެކައުންޓާއި 3 ވައިބާ އެކައުންޓުގެ އިތުރުން އެހެނިހެން ކްލައުޑް ސްޓޯރެޖްތަކަށް ނިސްބަތްވާ 30 އެކައުންޓެއް ވަނީ ފުލުހުން ހޯދާފައެވެ. މީގެ ތެރޭގައި ކުޑަކުދިންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރުމަށް 43 ޗެނަލް ހަދާފައިވާއިރު ކުޑަކުދިންގެ ނަމުގައި ވަކިވަކި ޗެނަލްތައް ހަދާފައިވާކަންވެސް ފުލުހުންގެ ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.
ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވާ ގޮތުގައި މިހާތަނަށް ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ހިއްސާކޮށް ވިއްކަމުންދާ 571 ޗެނަލް ވަނީ ހުއްޓުވާފައެވެ. މި މައްސަލާގައި 3 މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފައެވެ. އެއީ އދ. މަހިބަދޫ، ބަހާރުގެ، ޢުމުރުން 45 އަހަރުގެ ޒުބައިރު ޢަލީ އާއި، މާލެ، ދަފްތަރު ނަންބަރު ރސ14751 ޢުމުރުން 46 އަހަރުގެ ނާޞިފް ޢަލީގެ އިތުރުން ކ. ކާށިދޫ، ސިލިންކޯ، ޢުމުރުން 29 އަހަރުގެ އިސްމާޢީލް ރަބީޙްއެވެ.
ފުލުހުން ވިދާޅުވީ މިފަދަ މައްސަލައެއްގައި ޝިކާރައަކަށްވި ފަރާތަކުން ހުށަހެޅި މައްސަލައަކާ ގުޅިގެން ހޯދި ހޯދުންތަކުން “ދި ލީކްސް” ގެ ނަމުގައި ހިންގާ ޓެލެގްރާމް ޗެނަލެއް ފާހަގަކުރެވުނު ކަމަށެވެ. އަދި އެ ޗެނަލަށް 635 މީހުން ސަބްސްކްރައިބްކޮށްފައިވާއިރު ބަރަހަނާ މަންޒަރު ދައްކުވައިދޭ 350 ފޮޓޯއާއި 2400 ވީޑިއޯ ޕޯސްޓް ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި 18 އަހަރުން ދަށުގެ ކުޑަކުދިންގެ ބަރަހަނާ ފޮޓޯތައް ވަނަވަރު އެނގޭގޮތަށް ޕޯސްޓްކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ މީހުން މިގޮތަށް ސަބްސްކްރިޕްޝަން ފީގެ ގޮތުގައި 2 މިލިއަނެއްހާ ފައިސާގެ އާމްދަނީއެއް ނަހަމަ ގޮތުގައި ހޯދާފައިވާކަންވެސް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވެއެވެ.

