ހުކުރު ނަމާދު ފަދަ ބޮޑު ޖަމާއަތުގައި ކުރާ ނަމާދު ދިގުކޮށް ކިޔެވުމަށްވުރެ ސުންނަތް ގޮތަކީ ކުރުކޮށް ކިޔެވުމުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވެ ފާހަގަކުރެއްވީ ބައެއް ޚަޠީބުން ވަރަށް ދިގުކޮށް ކިޔަވާ ކަމަށެވެ.
މިއީ މަދުންނަމަވެސް ފެންނަ ކަމެއް ކަމަށާއި، މި ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި މިފަދަ ޖަމާޢަތް ބޮޑު ނަމާދު ތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން ކަމަށެވެ.
“ޖަމާޢަތުގައި ބަލިމީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިންވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުން މުހިންމު” ޝަހީމް
ޝަހީމް ވިދާޅުވީ ވިއްސާރަވާ އިރު ވިއްސާރައިގަ އަދި ގަދަ އަވިދޭ އިރު އަވީގައި ވެސް ޖަމާޢަތުގެ ބޮޑު ބައެއް އޮންނަ ކަމަށާއި، މިފަދަ ކަންކަމާމެދު ސަމާލުވުމަކީ ފިޤުހުވެރިކަމުގެ ތެރެއިންވާކަމެއް ކަމަށެވެ.

