މަސްތުވާތަކެތި ހަށިގަނޑު އެތެރެއަށް ލައިގެން އެތެރެކުރަން އުޅުނުމީހަކު ހައްޔަރުކޮށްފިއެވެ.
މީނާ ހައްޔަރުކޮށްފައިވަނީ އއ. ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. ފުލުހުން ބުނީ މިއީ އއ. ރަސްދޫ / ފެހިވިނަ، އަޙްމަދު އިކުލީލް (35އ) ކަމަށެވެ.
މި އޮޕަރޭޝަނަކީ މި މަހުގެ 12 ވަނަ ދުވަހު، ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނެއް ކަމަށާއި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ނެގުމަށް ޑޮކްޓަރަށް ދައްކައި އެތަކެތި ވަނީ ނަގާފައި ކަމަށްވެސް ފުލުހުން ބުނެއެވެ. އޭނާގެ ހަށިގަނޑުން ނެގި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 70 ގްރާމް ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަަށާއި، މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށްވެސް ފުލުހުން ބުނެއެވެ.

