ގަވާއިދާ ޙިލާފަށް ބާރު ސްޕީޑްގައި ރޭ ދަންވަރު ދުއްވަމުންދިޔަ ކާރެއް ފާހަގަކުރެވިގެން ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުންނަށް ގަދަދައްކާ އަމުރަށް ނުކިޔަމަންތެރިވި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ވީސީޕީ ގައި ހުޅުމާލޭގައި ރޭ ދަންވަރު ހަރަކާތްތެރި ވަމުންދިޔައިރު ބާރު ސްޕީޑްގައި ދުއްވަމުންދިޔަ ކާރެއް ހުއްޓުވާ ބެލިއިރު އެއި “ސީ” ޒޯންގައި ރަޖިސްޓްރީ ކޮށްފައިވާ ކާރެއް ކަމަށާއި، އަދި ކާރު ދުއްވި މީހާގެ އަތުގައި ލައިސެންސްވެސް ނެތް ކަމަށެވެ.
“އެމީހާ ލައިސެންސް ނެތި ކާރު ދުއްވީ. އަދި ސައްޙަނޫން ނަމްބަރު ޕްލެޓް ކާރުގައި ހަރުކޮށްފައިވަނީ. އެ ކާރު ޓޯވް ކުރަން އުޅުމުން ފުލުހުނަށް އެއްބާރުލުން ނުދޭނެކަމަށް ކާރު ދުއްވި މީހާ ވަނީ ބުނެފަ. އަދި ކާރު ލޮކް ކޮށް ފުލުހުން ދުރު ކުރުމަށްފަހު ފިލަން މަސައްކަތް ކުރީ. ” ފުލުހުން
ފުލުހުން ބުނީ މި މީހާ ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައި ކަމަށާއި، އަދި ފިލަން މަސައްކަތްކޮށް ބާރުގެ ބޭނުން ކުރުމުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން ހައްޔަރު ކޮށްފަ ކަމަށެވެ. މިއީ ރ. އަލިފުށި ސިތުރާ ހަސަން ސައީދު /38 ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަވެސް ތަހުގީގް ކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

