ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަވަސް އަރުވާލައިގެން ގދ.ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދިކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގު މައުލޫމާތު ހިމަނައިގެން ކުންފުނީގެ މެނޭޖްމަންޓާމެދު ވަކި ތަސައްވުރެއް އުފެއްދުމަށް ފަތުރަމުންދާ ހަގީގަތާ ޚިލާފު ޚަބަރެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އައު މެނޭޖްމަންޓުން ކުންފުންޏާ ހަވާލުވިއިރު، ކުންފުނިން ދެމުންދާ ކަރަންޓާއި ފެނާއި ނަރުދަމާގެ ހާލަތު އޮތީ ވަރަށް ދަށްކޮށް ކަމަށާއި އެގޮތުން ކުންފުނިން ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ރަށްތަކުގެތެރެއިން ކްރިޓިކަލް ހާލަތެއްގައި 7 ރަށެއް އޮތް ކަމަށާއި ޚިދުމަތްދޭއިރު އެ ރަށްރަށަށް އިސްކަންދެއްވާނެ ކަމަށް މިދިޔަ އޮގަސްޓު މަހު މެނޭޖިންގ ޑިރެކްޓަރު މުޢާޒު މުޙައްމަދު ރަޝީދު ވިދާޅުވެފައިވާ ކަމަށެވެ. އަދި އެ ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އާބާދީއެއް އޮންނަ، އާބާދީގެ ޑިމާންޑާ އެއްވަރަށް ފެން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު ދަތިތަކެއް ކުރިމަތިވެފައިވަނީ ތިނަދޫ ސިޓީގައި ކަމަށެވެ.
ފެނަކައިން ބުނީ މިހާރު އެ ސިޓީގައި ޚިދުމަތްދެމުންދާ ފެން ޕްލާންޓުން އެކަނި ޚިދުމަތް ދޭން ޖެހުމުގެ ސަބަބުން ޚިދުމަތް މެދުކެނޑި ފާއިތުވި ދެ މަސްތެރޭގައި ތިން ފަހަރަށް އަމިއްލަ ފަރާތަކުން ފެން ހޯދަން ޖެހިފައިވާ ކަމަށެވެ. އަދި މިގޮތަށް އަމިއްލަ ފަރާތްތަކުން ފެން ހޯދާއިރު ކުންފުނިން އެތައް ގުނަ ބޮޑު ޚަރަދެއް ކުރަންޖެހޭ ކަމަށާއި އެގޮތުން ފާއިތުވި ދެ މަސްތެރޭގައި ތިނަދޫ ސިޓީއަށް އެކަނި 4.5 މިލިއަން ރުފިޔާގެ ފެން ފޯރުކޮށްދޭން ޖެހުނު ކަމަށެވެ.
މިގޮތަށް ޚިދުމަތަށް ބުރޫއަރާ ކޮންމެ ފަހަރަކު ރައްޔިތުންނަށް އެތައް ތަކުލީފަކާ ކުރިމަތިލާންޖެހޭ ކަމަށާއި އެ ރަށުގައި މިހާރުން މިހާރަށް ކެޕޭސިޓީ އިތުރު ނުކުރެވިއްޖެނަމަ، ކޮންމެ މަހަކު ވެސް ފެނުގެ ޚިދުމަތް މެދުކެނޑުމުގެ ތަކުލީފާ އެ ރަށު ރައްޔިތުން ކުރިމަތިލާންޖެހޭނެ ކަމަށް ފެނަކައިން ބުންޏެވެ.
މި މައްސަައަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން އައު ފެން ޕްލާންޓެއް ހޯދުމަށް އެމްޑަބްލިޔުއެސްސީއާއި ސްޓެލްކޯއަށް އެ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވާނެ ކަމަށް ފެނަކައިން ބުންޏެވެ. ނަމަވެސް އެމްޑަބްލިޔުއެސްސީއިން އެކަމަށް 5 ހަފުތާ ހޭދަވާނެ ކަމަށާއި އަދި ސްޓެލްކޯއިން 180 ދުވަސް ހޭދަވާނެ ކަމަށް އަންގާފައިވާތީ ކުންފުނީގެ ވެންޑަރުންގެ ތެރެއިން މި ޚިދުމަތް ދޭ އަމިއްލަ ހުރިހާ ކުންފުނިތަކަށް އާރްއެފްކިޔު (ރިކުއެސްޓް ފޯރ ކުއޯޓް) ކުރެވުނު ކަމަށް ފެނަކައިން ބުންޏެވެ.
ފެނަކައިން ބުނީ މިގޮތަށް ދެފަހަރަކު ފުރުސަތު ދެވުމުން ވެސް މިކަމަށް އެދި ކޯޓޭޝަން ހުށަހެޅީ އެންމެ ފަރާތަކުން ކަމަށާއި
މި ފަރާތާއެކު އެއްބަސްވުމެއް ގާއިމުކުރުމުގެ ކުރިން ހުށަހަޅާފައިވާ އަގާމެދު މަޝްވަރާކޮށް އަގު ކުޑަކުރެވިފައިވާ ކަމަށެވެ.
މި ފެން ޕްލާންޓް ހޯދުމުގައި އަމަލުކޮށްފައިވާނީ މި ކުންފުނީގެ ޕްރޮކިއުމަންޓް އުސޫލުތަކުގެތެރެއިން ކަނޑައެޅިފައިވާ އިޖުރާއަތްތައް ފުރިހަމަވެގެން ކަމުގައި ދަންނަވަމެވެ. މި ފެން ޕްލާންޓް އިންސްޓޯލް ކުރެވޭނީ އޭގައި ހިމެނޭ ހުރިހާ ބައިތަކެއް ފުރިހަމަވެގެން ކަމުގައި ދަންނަވަމެވެ. އައު ފެން ޕްލާންޓް އިންސްޓޯލް ކުރެވުމުން ތިނަދޫ ސިޓީގައި 600 ޓަނުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިގެންދާނެއެވެ.
ފެނަކައިން ބުނީ މިފަދަ އަސްލެއް ދޮގު ޚަބަރު ފަތުރަނީ ވަކި ބަޔަކު އަޑީގައި ތިބެ ކުންފުނީގެ މެނޭޖްމަންޓުގެ އަގު ވައްޓައިލުމަށް ކަމަށެވެ. އަދި ސިޔާސީ ފަރާތްތަކުން ރަށުތެެރޭގައި ހަލަބޮލިކަން އުފައްދައި ޚިދުމަތްތަކަށް ބުރޫއަރާ ގޮތަށް އަމަލުތައް ބަހައްޓައިގެން ތިނަދޫ ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަސައްކަތް ކާމިޔާބުވިޔަ ނުދީ، ޚިދުމަތް ދިނުމުގައި ސާބިތުވެ އޮންނާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

