ސައިކަލެއްގެ މަޑި ދަށުން ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގިކަމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހަންގިރް އާލަމް (45އ) ކިޔާ މީހެކެވެ.
ފުލުހުން އޭނާގެ މައްޗަށް ކުރަނީ ވައްކަމުގެ ތުހުމަތެވެ.
މި މައްސަލާގައި އޭނާ ހައްޔަރުކޮށް، ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 15 ދުވަހަށް އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ.
ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގެއްލުން ލިބުނު ސައިކަލުގެ މަޑި ދަށުގައި ބަހައްޓާފައި ހުރި 442,750 ރުފިޔާ ވަގަށް ނަގާފައިވާ ކަމަށް ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަމަށެވެ. ނަމަވެސް ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.
އޭނާއާ ދެކޮޅަށް ހުށަހެޅިފައިވާ ހެއްކާއި ގަރީނާތަކުގެ ތެރޭގައި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، ސީސީޓީވީ ފުޓޭޖާއި އެއާގުޅޭ ސްނެޕްޝޮޓް ހިމެނެއެވެ.

