ފުވައްމުލައް ސިޓީގައި ބިއްލޫރި ޕެލެޓެއް ކަނޑަން އުޅުމުގެ ތެރޭގައި 4 މީހަކަށް އަނިޔާވެ، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 9:32 ހާއިރު ފުވައްމުލައް ސިޓީ ބަނދަރު ސަރަހައްދުގައި އޮތް މުދާ އުފުލާ ދޯންޏަކުންނެވެ.
އެނގިފައިވާ ގޮތުގައި ދޯނިން ބިއްލޫރި ޕަލެޓު އަންލޯޑު ކުރަން ޕަލެޓް ކަނޑާލި ވަގުތު ދޯނި އަރި އަޅާލައި ބިއްލޫރިތައް ބައެއްގެ ގައި މައްޗަށް ވެއްޓި ހިނގި އެ ހާދިސާގައި އަނިޔާ ލިބުނީ ދިވެއްސަކާއި ދެ ބިދޭސީއަކަށް ކަމަށެވެ. އަދި ބިދޭސީ އެކެއްގެ ފައި އެކުގައިހެން ޗިސްވެފައިވާކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.

މިއަދު ފުވައްމުލައް ސިޓީގައި ހިނގި އެ ހާދިސާ – ފޮޓޯ: ރަށި ކަބަރޮ
09:32 ހާއިރު ފުވައްމުލައް ސިޓީގައި އޮތް ދޯންޏަކުން އަންލޯޑް ކުރަން އުޅުނު ބިއްލޫރި ޝީޓްތަކެއް އުފުލަން އުޅުނު ދެ ބިދޭސީއަކާއި ދެ ދިވެއްސަކަށް އަނިޔާވެފައިވާކަމުގެ ރިޕޯޓް ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާގައި އަނިޔާވި 4 މީހުންނަށް މިހާރު ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

