ބިދޭސީ ފިރިހެނަކު އޭނަ ދިރިއުޅޭ ގެސްޓްހައުސްގައި ނިދާފައި އޮއްވާ ފޯނެއް ވަގަށް ނެގި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރޭ 18:30 ހާއިރު ރަތްފުސްގޯޅި ފިއުޝަން މާޓް ކައިރީ ފުލުހުންގެ ބީޓްއެއް ހަރަކާތްތެރިވަމުން ދަނިކޮށް ބިދޭސީ ފިރިހެނަކު އޭނަ ދިރިއުޅޭ ގެސްޓްހައުސްގައި ނިދާފައި އޮއްވާ ފޯނެއް ގެއްލިގެން އުޅޭކަމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ ގެސްޓްހައުސްގައި އިން ސީސީޓީވީ ކެމެރާގެ ފޫޓޭޖް ބަލައި، މީހާ އައިޑެންޓިފައި ކުރުމަށްފަހު ރޭ 21:00 ހާއިރު އޯކިޑް މަގު ފަތަހަ ސްޓާ ކައިރިން މި ފޯނު ވަގަށް ނެގިކަމަށް ތުހުމަތު ކުރެވޭ މީހާ ހުއްޓުވަން ސުވާލު ކުރުމުން ނޯތު ހާބަރުގައި އޮތް ސްޕީޑް ބޯޓެއްގައި އިން ބިދޭސީ މީހަކަށް ފޯނު ވިއްކައިލި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އެ ބިދޭސީ މީހާގެ އަތުން އެ ފޯނު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލާގައި ޒަމީން/ތ.ގުރައިދޫ، މުޙައްމަދު ވިޝާމް (26އ) ހައްޔަރުކޮށް، މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

