އިންޑިއާއިން ގެނައި ފިޔާ މާލޭގެ މާކެޓަށް ނެރެމުން ގެންދާ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު މިއަދު ވިދާޅުވެއްޖެއެވެ.
ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަޖީހު ވިދާޅުވީ މި ދުވަސްކޮޅު މާލޭ މާކެޓުގައި ފިޔާ މަދުވެގެން އުޅޭ ސަބަބަކީ އިންޑިޔާއަށް މޫސުން ގޯސް ވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުންތަކާއެކު، އިންޑިޔާއިން ފިޔާ އެކްސްޕޯޓު ކުރުމަށް ޝޯޓޭޖެއް އުޅޭތީ ކުރިމަތިވި ކަމެއް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.
މި ޝޯޓޭޖް އުޅެނީ ހަމަ އެކަނި ދިވެހިރާއްޖެއަކަށް އެކަންޏެއް ނޫން ކަމަށާއި އަވަށްޓެރި ސްރީލަންކާއަށް ވެސް އިންޑިޔާއިން ފިޔާ އިމްޕޯޓު ކުރުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް ޚަބަރު ލިބޭ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ނަމަވެސް މިއަދުން ފެށިގެން މާލޭގެ މާކެޓަށް ފިޔާ ނެރެމުން ގެންދާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ އިންޑިޔާއިން އައި 2 ބޯޓު ކަމަށްވާ ބުލޫހާ (ބޯޓުން) އިން 2980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން 3300 ބަސްތާއާއެކު ޖުމްލަ 6280 ބަސްތާ ފިޔާ މިއަދު މާލޭ މާކެޓަށް ނެރެމުން އެބަ ގެންދާ ކަމަށެވެ.
މީގެ އިތުރުން އިންޑިޔާއިން މާދަމާ މާލެ ވަންނަ ބޯޓުން ވެސް 3300 ބަސްތާ ފިޔާ، މާލޭ މާކެޓަށް ނެރޭނެ.
މިދިޔަ ބުދަ ދުވަހު ހިތަދޫ ރީޖެނަލް ޕޯޓަށް ދިޔަ ކާގޯ ބޯޓުން ވެސް ވަނީ އައްޑޫ ސިޓީ ގެ މާކެޓަށް 1180 ބަސްތާ ފިޔާ ނެރެފައިވާކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ އިންޑިޔާގެ މޫސުން ގޯސްވާ ބައެއް ފަހަރު، ދަނޑުތަކަށް ލިބޭ ގެއްލުންތަކުގެ ސަބަބުން، މާކެޓަށް ނެރޭ ފިޔާ މަދުވުމަކީ، ދޭތެރެ ދޭތެރެއިން ހިނގަމުން އަންނަ ކަމެއް ކަމަށެވެ. އަދި ފިޔާ ޝޯޓުވުމުން މާކެޓުގައި އަގު މައްޗަށް ދިއުމަކީ އަބަދުވެސް ހިގަމުން އަންނަ ކަމެއް ކަމަށެވެ.

