ކ.ހުވަފެންފުށި ދެކުނުން ހިއްކާފައި އޮތް ފަސްގަނޑަށް ދަތުރުގޮސް އުޅެނިކޮށް ވީނުވީއެއް ނޭގި ގެއްލިފައިވާ މ.އަސަރީހަނދާން، ތަސްލީމް މުޙައްމަދު ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަށް އެދިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ތަސްލީމު (43 އ) ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުގެ 13:20 ހާއިރުއެވެ. އެއާއެކު ފުލުހުން ވަނީ ތަސްލީމް ހޯދުމުގެ މަސައްކަތް ފަށާފައެވެ.
އެގޮތުން ތަސްލީމް ދަތުރު ގޮސް އުޅުނު ފަސްގަނޑު ބަލައި ފާސްކުރުމުގެ މަސައްކަތާއި މެރިން ޕޮލިސްއާއި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ތަސްލީމް ހޯދުމުގެ މަސައްކަތުގައި ފުލުހުންގެ ޑައިވިންގ ޓީމް ވަނީ ފަސްގަނޑު ހިމެނޭ މޫދު ސަރަހައްދު ބަލައިފައެވެ. މީގެއިތުރުން އެމްއެންޑީއެފްގެ ޑައިވިންގ ޓީމް ވަނީ އޮގަސްޓް 31 އިން ސެޕްޓެމްބަރު 01 އަށް އަދި ސެޕްޓެމްބަރު 06 ވަނަ ދުވަހު 943,998 އަކަމީޓަރުގެ ސަރަހައްދެއް ޑައިވްކޮށްގެން ބަލާފައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގެ ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ހުވަފެންފުށި ކައިރީގައި އޮތް ފަސްގަނޑަށް ދަތުރު ދިއުމަށްޓަކައި ދަތުރުގެ ބައިވެރިން ފުރީ އޮގަސްޓް 29 ވަނަ ދުވަހުގެ 17:00 އާއި 17:30 އާ ދެމެދުގެ ވަގުތެއްގައި މާލޭގެ ދެކުނު ފަރާތު ބަނދަރުން ކަމަށެވެ. އަދި މި ދަތުރުގައި ދިޔައީ ތަސްލީމް ހިމެނޭހެން 25 މީހުންނާ ދެ ކުޑަކުދިން ކަމަށެވެ.
ފުލުހުން ބުނީ މި ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓް ޕާޓީއެއް ބޭއްވުމުގެ ބޭނުމުގައި ގޮސްފައިވާ ދަތުރެއްކަން އެނގިފައިވާ ކަމަށެވެ. އަދި މި ދަތުރުގައި ތަސްލީމް ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރަށްޓެހި ރަހްމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓުގެ މަސައްކަތް ކުރުމަށްކަން އެނގިފައިވާ ކަމަށެވެ.
މީގެއިތުރުން ފުލުހުން ބުނީ ތަސްލީމް ހިމެނޭ ގުރޫޕް އެ ފަސްގަނޑަށް ދިޔައިރު، އިތުރު ބަޔަކު ފަސްގަނޑަށް ދަތުރު ގޮސް ތިބި ކަމަށާއި އޮގަސްޓް 29 ވަނަ ދުވަހުގެ 00:00 އާ ހަމައަށް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި 00:00 ގެ ފަހުން ތަސްލީމް، ދަތުރުދިޔަ މީހުން ޖަހާފައި ހުރި ޓެންޓް ސަރަހައްދުގައި ނިދާފައި އޮތް ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ދަތުރުގައި ނަގާފައިވާ ބައެއް ފޮޓޯތަކުން ފެނިފައިވާ ކަމަށާއި އޮގަސްޓް 30 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި ވެސް ތަސްލީމް ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވެފައިވާ ކަމުގެ މަންޒަރު ހިމެނޭ ފޮޓޯއާއި ވީޑިއޯ ތަހުގީގަށް ލިބިފައިވާ ކަމަށެވެ.
ތަސްލީމް މުޙައްމަދު ދަތުރުދިޔަ ފަސްގަނޑުގައި ހުއްޓާ އެންމެ ފަހުން ފެނިފައިވަނީ 2024 އޮގަސްޓް 30 ވަނަ ދުވަހުގެ 7:45 އާއި 9:00 އާ ދޭތެރޭގައިކަން ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުން އެނގިފައިވެއެވެ.
ފުލުހުން ބުނީ ތަސްލީމް މާލެ ދާން ބޭނުންވާ ވާހަކަ ބުނެފައިވުމުން، އެ ދުވަހުގެ 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗުގައި ތަސްލީމް މާލެ ފޮނުވާލުމަށް ދަތުރުގެ ބައިވެރިން އޭނާ ހޯދުމުން ފެނިފައިނުވާތީ، އޭނާ އެހެން ލޯންޗެއްގައި މާލެ ގޮސްފައިވޭތޯ ބެލުމަށް އޭނާގެ އާއިލާއަށް ގުޅައި މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އަދި ތަސްލީމް މާލެ ނާންނަ ކަމަށް ބުނުމުން އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިން ފެށި ކަމަށެވެ.
މި މައްސަލާގައި ތަސްލީމާއެކު ދަތުރުދިޔަ މީހުންނާ ސުވާލުކޮށްފައިވާ ކަމަށާއި އެ ފަސްގަނޑަށް ދަތުރުދިޔަ އިތުރު 12 މީހުންނާ ވެސް ސުވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި ތަސްލީމް ބޭނުންކުރާ ފޯނާއި ލެޕްޓޮޕް ފޮރެންސިކް ތަހުލީލު ކުރުމުގެ މަސައްކަތް ފަށައި ތަސްލީމާއި އިތުރު ބަޔަކު ދަތުރު ދިއުމަށް ބޭނުންކުރި ދެ ލޯންޗު ބަލައި ފާސްކޮށްފައިވާއިރު، ތަސްލީމް މާލޭގައި އާންމުކޮށް ގޮސްއުޅޭ ސަރަހައްދުތައް ބަލައި ފާސްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

