ހއ.އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގ މަޝްރޫއުއެއް ހިންގުމަށްޓަކައި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން، ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާއެކު ޓާމް ޝީޓެއްގައި ސޮއިކުރީ މިދިޔަ މާޗުމަހުގެ 13 ގައެވެ.

ބައިނަލްއަގުވާމީ ބަންކަރިންގ މަޝްރޫއުއެއް ހިންގުމަށްޓަކައި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން، ވިޓޯލްއާއެކު ޓާމް ޝީޓެއްގައި ސޮއިކުރުން. ފޮޓޯ: އެސްޓީއޯ
ވިޓޯލްއަކީ ނެދަލެންޑްސްގެ ކުންފުންޏެކެވެ. މި ކުންފުނީގެ އާމްދަނީ 2022 ގައި ހުރީ 500 ބިލިއަން ޑޮލަރުގައެވެ. ހަކަތައާއި ޝިޕިންގ އާއި ސްޓޯރޭޖް ފެސިލިޓީސްތަކާއި ތެލާއި ގޭސް ހޯދުމާއި ކަރަންޓް އުފެއްދުމާގުޅޭ ދާއިރާގައި ވެސް ހަރަކާތްތެރިވާ ވިޓޯލް ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގް ވިދާޅުވެފައިވާ ގޮތުން ރާއްޖެ މިއޮތީ ބަންކަރިންގ އަށް އެންމެ ރަނގަޅު ސަރަހައްދުގައެވެ.
ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ މަޝްހޫރު ވާނީ ޓޫރިޒަމްގައި ފުންނާބު އުސް ގައުމެއްގެ ގޮތުގައި އެކަންޏެއް ނޫން، ބޮޑު ބަންކަރިންގ ހަބަކަށްވާނެ ކަމުގެ ޔަގީންކަން އެބައޮތް. ޓާމް ޝީޓްގައި ސޮއިކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޖޭ އެންގް ވިދާޅުވެފައިވެއެވެ.

ހއ.އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ބަންކަރިންގ މަޝްރޫއުއެއް ހިންގުމަށްޓަކައި ސްޓޭޓް ޓްރޭޑް އޮގަނައިޒޭޝަން (އެސްޓީއޯ) އިން، ވިޓޯލްއާއެކު ޓާމް ޝީޓެއްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެސްޓީއޯ
ބަންކަރިންގ ޚިދުމަތަކީ އުޅަނދުފަހަރަށް ތެޔޮ ސަޕްލައި ކުރުމުގެ ޚިދުމަތެވެ. އޭގެތެރޭގައި އުޅަނދުފަހަރަށް ތެޔޮ އެޅުމާއި އުޅަނދުގައި ހުރި ތެޔޮ ޓޭންލްތަކަށް ބެހުމުގެ މަސައްކަތް ހިމެނެއެވެ. ބަންކަރިންގ ޚިދުމަތުގެ ތެރެއިން އުޅަނދުފަހަރަށް ބަނދަރެއްގައި ބަނދަރުކުރަން ނުޖެހި، ތެޔޮ ފޯރުކޮށްދީގެން އެ އުޅަނދުތަކުގެ ދަތުރުތައް ކުރިއަށްގެންދެވޭނެއެވެ. މި ޚިދުމަތަކީ ދުނިޔޭގެ ޝިޕިންގ ރޫޓުތަކުގެ ދުވެލި ކުރިއަށް އޮތް ތަނުގައި ދެމެހެއްޓުމަށް ނުހަނު މުހިންމު ޚިދުމަތެކެވެ.
އެސްޓީއޯގެ ޕްލޭނަކީ ބޮޑެތި އުޅަނދުތަކުގައި ތެޔޮ ބަރުކޮށްގެން، މާކަނޑުގެ ސަރަހައްދުން ދަތުރުކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ މި ސަރަހައްދުގެ ކައިރިން ދަތުރުކުރާ ބޭރުގެ ބޯޓުތަކަށް ތެޔޮ ވިއްކުމެވެ. ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ ތެޔޮ ލޯޑުކުރުމާއި، އޮފްޝޯ އޮޕަރޭޝަނާއި ތެޔޮ ފޯރުކޮށްދިނުމެވެ.
ހަމައެހެންމެ އޮފްޝޯ މަސައްކަތްތަކުގައި ބޭނުންކުރާ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިސްތިރާތިޖީ ސަރަހައްދުތަކުގައި ހަރަކާތްތެރިވަމުންދާނެއެވެ. މި އުޅަނދުފަހަރުތަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ބޭރުގެ އުޅަނދުފަހަރާ އެއްހަމައެއްގައި މަޑުކޮށް އެ އުޅަނދުފަހަރުގެ ހަރަކާތްތައް ބަލަހައްޓަމުންދާނެއެވެ. އަދި ތެޔޮ އަޅަން ބޭނުންވާ ބޭރުގެ ބޯޓުތަކުން ބަންކަރިންގެ އުޅަނދުތަކާ ކައިރިވެ އެތަނުން އެ އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދެވޭނެއެވެ.
ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން އިހަވަންދިއްޕޮޅު ކައިރިން ދުވާލަކު 300 އަށްވުރެ ގިނަ އާގު ބޯޓު ދަތުރުކުރާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެސްޓީއޯއިން މިހާރު ވަނީ ބަންކަރިންގ ޚިދުމަތް ފެށުމަށް ބޭނުންވާ ދެ ބޯޓު ވެސް ރާއްޖެ ގެނެސްފައެވެ. ޚިދުމަތް ފަށަން ތައްޔާރުވެފައިވާއިރު، ބަންކަރިންގެ ދެ ބޯޓާއި ޓަގު ބޯޓާއި ޕައިލެޓް ބޯޓު މިހާރު ވަނީ އިހަވަންދިއްޕޮޅަށް ގެންގޮސް ވެސް ނިމިފައެވެ.

ބަންކަރިންގ ޚިދުމަތް ފެށުމަށް ގެނައި އެއް ބޯޓު. މި ބޯޓުގައި
4000 ޓަނުގެ ތެޔޮ އުފުލޭނެ. ފޮޓޯ: އެސްޓީއޯ
އެސްޓީއޯއިން ބުނެފައިވާ ގޮތުން ބަންކަރިންގ އަށް ގެނައި "މެރިން ބެއްލާ" އާއި "މެެރިން އެންޖަލް" މި ދެ ބޯޓުން ކޮންމެ ބޯޓަކީ ވެސް 4000 ޓަނުގެ ތެޔޮ އުފުލޭނެއެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން މި މަހުގެ 20 ގައި ފުރަތަމަ ބޯޓަށް ތެޔޮ ވިއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެސްޓީއޯއިން ވަނީ ބުނެފައެވެ.

ބަންކަރިންގ ޚިދުމަތް ދިނުމަށް ގެނެސްފައިވާ ބޯޓެއް. ފޮޓޯ: އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެފައިވާ ގޮތުން މި މަޝްރޫއުގެ ސަބަބުން އެސްޓީއޯއަށް މާލީ ގޮތުންނާއި ރާއްޖޭގެ އިގުތިސާދަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެއެވެ.

ބަންކަރިންގ ޚިދުމަތް ދިނުމަށް ގެނެސްފައިވާ ޕައިލެޓް ބޯޓު. ފޮޓޯ: އެމްޕީއެލް
އޭނާ ވިދާޅުވި ގޮތުގައި ކުންފުނީގެ އާމްދަނީއާއި ފައިދާ އިތުރުވެ، ދައުލަތަށް ލިބޭ ޓެކްސް އާމްދަނީ އިތުރުވެ، ބޭރު ފައިސާގެ ރިޒާވަށް އިތުރުކަމެއް އަންނާނެއެވެ. އަދި އިތުރު ވަޒީފާގެ ފުރުސަތުތައް ވެސް އުފެދޭނެއެވެ.

