މާދަމާ އިން ފެށިގެން އަންނަ މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ޗައިނާގެ ހަންޒޫގައި ކުރިއަށްދާ ވޮލީބޯޅަ ކޯޗިން ކޯހުގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކުގެ ވޮލީބޯޅައަށް ރަނގަޅު ކުރިއެރުމެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.
ވަޒީރު ރާފިޢު މިހެން ވިދާޅުވީ ޗައިނާގައި އޮންނަ ކޯޗިން ޕްރޮގްރާމްގައި ބައިވެރިވާ 20 ބައިވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މި ބައްދަލުވުމުގައި ވަޒީރު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުން މި ކޯހުން ފުރުސަތު ލިބުނު ބައިވެރިންނަށް މަރުޙަބާ ދަންނަވާފަ އެވެ. އަދި މި ކޯހަށްފަހު އެނބުރި ރާއްޖެއައިސް ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް މަސައްކަތްކޮށްދެއްވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީޝިން ވެސް ބައިވެރިވެލެއްވި މި ބައްދަލުވުމުގައި ވަޒީރު ވަނީ ޗައިނާއިން މި ދެއްވި ފުރުސަތަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ދެ ގައުމުގެ ގާތް ގުޅުމުގެ ސަބަބުން ކުޅިވަރަށް ލިބެމުން އަންނަ ފުރުސަތުތައްވެސް ވަޒީރު ފާހަގަކުރެއްވި އެވެ.
ޗައިނާގެ ހަންޒޫ ސިޓީގައި ކުރިއަށްދާ ކޯޗިން ތަމްރީން ޕްރޮގްރާމްގެ ބައިވެރިންގެ ތެރޭގައި އައްޑޫ ސިޓީގެ ފޭދޫ، ބ. ގޮއިދޫ، ކ. ހުރާ، ކ. މާލެ، އދ. މަހިބަދޫ، ހދ. ހަނިމާދޫ ހއ. އިހަވަންދޫ، ހދ. ނޮޅިވަރަމް، އައްޑޫ ސިޓީ ހިތަދޫ، ފ. ފީއަލި، ޅ. ނައިފަރު އަދި ހއ. ހޯރަފުށި، ވ. ފެލިދޫ، ރ. މީދޫ އަދި އއ. ބޮޑުފުޅަދޫ އަށް ނިސްބަތްވާ ބައިވެރިން ހިމެނެ އެވެ.

