އައްޑޫ ސިޓީ ހުޅުމީދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ ރޭ 23:00 ހާއިރު ހުޅުމީދޫގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިިވާ ކަމަށެވެ.
މި މައްސަލާގައި ދެ މީހުންނަށް އަނިޔާވި ކަމަށާއި އެ މީހުންނަށް ފަރުވާދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ދާދިފަހުން މާލެއާއި ހުޅުމާލޭގައި ވެސް ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވެއެވެ. އެގޮތުން ފުލުހުން މިހާރު އަންނަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
މީގެއިތުރުން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެސް ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.

