ެއެ ކުންފުނިން އަމަލުކުރަމުންދަނީ ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށާއި ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުފޮނުވާނެ ކަމަށް ސްޓެލްކޯއިން މިރޭ ބުނެފިއެވެ.
ސްޓެލްކޯއިން މިހެން ބުނީ ސްޓެލްކޯއިން އެ ކުންފުނީގެ އުސޫލުތަކާ ޚިލާފަށް އަމަލުކުރަމުންދާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ތުހުމަތުތަކެއް ކުރެއްވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.
ސްޓެލްކޯއިން ބުނީ ކޮންމެ މަހަކު ކަސްޓަމަރުންގެ ގެތަކަށް ގޮސް މީޓަރުތަކުގެ ރީޑިންގ ނަގައި އިޚުލާސްތެރިކަމާއެކު ބިލްތައް ތައްޔާރުކޮށް އެ ބިލްތައް ފޮނުވުމާއި، ބިލަށް ފައިސާ ބަލައިގަނެ، ކަސްޓަމަރުން ބޭނުންވާ ޚިދުމަތްތައް ފޯރުވައިދޭން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކަކީ، ހެދިފައިވާ ހަރުދަނާ ޤަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކުންފުނީގެ މުވައްޒަފުން ކުރަމުންގެންދާ ވަރަށް ބުރަ އަދި ބޮޑު މަސައްކަތްތަކެއް ކަމަށެވެ. އަދި އެ އުސޫލުތަކާއި ޚިލާފަށް އެ ކުންފުނިން އަމަލު ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަމާއި އިތުބާރު ރައްޔިތުންނަށް ދޭ ކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިއާ ޚިލާފަށް އަމަލު ކުރަމުންދާކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު ފަތުރަމުންދާކަމީ ހިތާމަ ހުރި ކަމެއް. އަދި ރައްޔިތުންގެ މެދުގައި އޮތް ކުންފުނީގެ ތަސައްވުރު ނައްސިވާ ގޮތަށް މިފަދަ ޒިންމާދާރުކަންކުޑަ ވާހަކަތައް ފެތުރުން އެ ކުންފުނިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރަން.
ރައްޔިތުން އެ ކުންފުންޏަށް ކުރަމުންދާ އިތުބާރާއި، ޔަގީންކަން ދެމެހެއްޓުމަށްޓަކައި ކުންފުނީގެ ވެރިންނާއި މުވައްޒަފުން ކުރަމުންދާ އިޚުލާސްތެރި ޚިދުމަތް އެ ގޮތުގައި ކުރިއަށް އޮތްތަނުގައި ވެސް ކުރަމުންގެންދާނެކަމުގެ ޔަގީންކަންދޭ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މީގެއިތުރުން ސްޓެލްކޯއިން ބުނީ އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވެސް ކުންފުނީގެ ކަސްޓަމަރުންކަމުން އެ މުވައްޒަފުންނަކީ ވެސް އެހެނިހެން ކަސްޓަމަރުންނާއި އެއް އުސޫލަކުން ރީޑިންގ ނަގައި އެ ރީޑިންގއަށް ބިލް ކުރެވޭ ބައެއް ކަމަށެވެ. އަދި ރީޑިންގ ނެގުމާއި ނުލައި އަދި ކަސްޓަމަރުން ބޭނުން ނުކުރާ ކަރަންޓަކަށް ބިލް ނުފޮނުވާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ.
މި ނޫން އުސޫލަކުން ބިލް ކުރަމުންދޭތޯ ބެއްލެވުމަށް ކަމާއި ގުޅުންހުރި އެންމެހާ މުއައްސަސާތަކަށާއި އެންމެހާ ފަރާތްތަކަށް ްސްޓެލްކޯއިން ވަނީ ދައުވަތު ވެސް ދީފައެވެ.
ސްޓެލްކޯއިން ބުނީ އެ ކުންފުންޏަކީ 75 އަހަރުގެ ޚިދުމަތުގެ ދިގު ތާރީޚެއް އޮތް ކުންފުންޏެއް ކަމަށްވާއިރު، ކުންފުނީގެ އެހާރާއި މިހާރުގެ މުވައްޒަފުންނާއި ވެރިންގެ ވެސް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އެ މުވައްޒަފުން ކުރަމުންގެންދާ އިޚުލާސްތެރި މަސައްކަތް ކަމަށެވެ. އަދި އެ މަސައްކަތުގައި ގެންގުޅޭ އަޚުލާގާއި، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ރޫހަށް މިހާތަނަށް އައިއިރު ވެސް އެއްވެސް ބަދަލެއް އައިސްފައިނުވާކަމީ ފަޚުރުވެރިވެ ޝުކުރުވެރިވާ ކަމެއް ކަމަށެވެ.

