ރާއްޖޭގެ ވޮލީބޯޅަ ކުރިއެރުވުމަށް ޗައިނާ އޮތީ ތައްޔާރަށް ކަމަށާއި، ދިވެހި ސަރުކާރާ ގުޅިގެން ގިނަ ކުޅިވަރުތަކަކުން ތަމްރީންތަކާއި، ވަސީލަތްތައް ފަހިކޮށްދެއްވާނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަން ލީޝިން ވިދާޅުވެއްޖެ އެވެ.
މިމަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 5 ވަނަ ދުވަހާ ހަމައަށް ޗައިނާގެ ހަންޒޫ ސިޓީގައި ކުރިއަށްދާ ވޮލީބޯޅަ ކޯޗިން ކޯހުގެ ބައިވެރިންނާ ބައްދަލުކުރައްވާ ޗައިނާ ސަފީރު ވިދާޅުވީ ރާއްޖޭގައި ވޮލީބޯޅަ ފޯރި ވަރަށް ބޮޑަށް އެބައޮތްކަމަށާއި، މި ތަމްރީން ޕްރޮގްރާމަކީ ވޮލީބޯޅަ އިތުރަށް ފުޅާކުރަންވެވޭ އެހީތެރިކަމެއްގެ ގޮތުގައި ގަބޫލުކުރައްވާކަމަށެވެ.
ޗައިނާ ސަފީރު ވިދާޅުވީ މިފަހަރު 20 ބައިވެރިންނާއިއެކު ޗައިނާގައި މި ތަމްރީން ޕްރޮގްރާމް ކުރިއަށްދިޔަ ނަމަވެސް އަންނަ އަހަރު ގިނަ ބަޔަކަށް ތަމްރީންގެ ފުރުސަތު ފަހިކޮށްދެވޭނެ ގޮތްތަކަކަށް މަސައްކަތްކުރައްވާނެކަމަށެވެ. މިގޮތުން ޗައިނާގެ ކޯޗުން ރާއްޖެ ގެނެސް، ރާއްޖޭގައި ގިނަ ބަޔަކަށް ތަމްރީން ޕްރޮގްރާމް ގެންދިޔުމުގެ ވިސްނުން ގެންގުޅުއްވާކަމަށެވެ.
ޗައިނާ އަކީ މީގެ ކުރިން ރާއްޖޭގެ އެހެން ކުޅިވަރުތައް ކުރިއެރުވުމަށްވެސް އެހީތެރިވެދެއްވާ ގައުމެކެވެ. މިގޮތުން ޓޭބަލް ޓެނިސް، ބާސްކެޓްބޯލް އަދި ފުޓްބޯޅަ ޓީމްތަކަށްވެސް ރަނގަޅު ފުރުސަތުތަކެއް އެ ގައުމުން ވަނީ ފަހިކޮށްދެއްވާފަ އެވެ. މިއަހަރުގެ މިގޮތުން ކުރެވުނު އެންމެ މުހިންމުކަމަކީ ޓީޓީ ކުޅޭ ސާމާނު ދިވެހިރާއްޖޭއަށް ހަދިޔާ ކުރުމެވެ.
ޗައިނާ ސަފީރު ވިދާޅުވީ ވޮލީބޯޅައިގެ އިތުރުން އެހެން ކުޅިވަރުތައް ކުރިއެރުވުމަށްވެސް ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށެވެ.

