ގައުމު ހިންގުމުގެ ޑިމޮކްރެޓިކް ނިޒާމް ބިނާކުރަންވާނީ އިސްލާމްދީނާއި ދިވެހިން ގަބޫލުކުރާ ހަމަތަކުގެ މައްޗަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެެވެ.
ރައީސް މިހެން ވިދާޅުވީ ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ދިވެހި ގައުމުގެ ޑިމޮކްރެޓިކް ނިޒާމް ބިނާކުރަންވާނެ ގޮތުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ ނިޒާމު ބިނާކުރަންޖެހޭނީ އިސްލާމްދީނާއި ދިވެހިން ގަބޫލުކުރާ ހަމަތަކާއި ދިވެހިންގެ އާދަކާދަތަކުގެ މައްޗަށެވެ.
ބައިނަލްއަގުވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު 15 ގައެވެ. ދުނިޔޭގެ ފެންވަރުގައި މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަގުސަދަކީ ގައުމުތަކުގައި ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް، ދައުލަތް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އޮތް ކަމާއި އޮތް މިންވަރު ކަށަވަރު ކުރުމެވެ.
މީގެއިތުރުން ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ރައްޔިތުންގެ އަސާސީ ހައްގުތައް ފުރިހަމައަށް ހިމާޔަތްކުރެވި، އެންމެހާ ހައްގުތައް ފުރިހަމައަށް ލިބިދޭކަން ކަށަވަރު ކުރުމެވެ.

