މޯލްޑިވަސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީސް އިމާރާތުގެ ބިންގާ އަޅައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލާއި ކޯޕަރޭޝަނުގެ އިސް ބޭފުޅުންނެވެ.
ޙައްޖު ކޯޕަރޭޝަންގެ އާ އިމާރާތް ބިނާކުރަނީ ހުޅުމާލޭގައި އަމީން އެވެނިއު ކުރިމަތީގައިވާ ހުސް ބިމެއްގައެވެ. އެ ބިމަކީ 5000 އޭކަރުގެ ބިމެކެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ މެޑްޓެކް މޯލްޑިވްސްއާއެވެ. އެއީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ އަގެއްގެ ގޮތުގައި ފުރަތަމަ ހަމަޖެއްސީ 86 މިލިއަން ރުފިޔާއެވެ. ނަމަވެސް މެޑްޓެކާ މަޝްވަރާކުރުމަށްފަހު 79 މިލިއަން ރުފިޔާއަށް މި އަގު ވަނީ ދަށްކުރެވިފައެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޝަކީލް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަކީ ހައްޖު ކޯޕަރޭޝަނުން ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތައް ރައްޔިތުން ބަލައިގަންނަ ޚިދުމަތްތަކެއްގެ ގޮތުގައި ހެދުމަށް ކަމަށާއި ހައްޖު ކޯޕަރޭޝަންގެ ކަންކަން ކުރިއަށް ގެންދާނީ އެމަނިކުފާނުގެ އެދިވަޑައިގަތުމާ އެއްގޮތަށް ކަމަށެވެ.
ހަމައެހެންމެ ހައްޖު ކޯޕަރޭޝަންގެ ތެރޭގައި ހިނގާ ހުރިހާ ކަންކަމަކީ އަދި ރައްޔިތުންނަށް ދެވޭ ޚިދުމަތްތަކަކީ ދެފުށް ފެންނަ ގޮތަށް ދެވޭ ޚިދުމަތްތަކަކަށްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.

