ޑިސްލެކްސިއާއަކީ ދަސްކުރުމުގައި ދިމާވާ ދަތިކަމަކަށް ކިޔާ ނަމެކެވެ. ނުވަތަ އުނގެނުމުގައި ލިޔެކިޔުމުގައި އުނދަގޫތަކެއް ކުރިމަތިވާ ޙާލަތެކެވެ. މި މައްސަލަ ހުންނަ ކުދިންނަށް އަކުރުތައް ލިޔުމާއި، ބަސްތަކުގެ އަކުރުތަކާއި ފިލިތައް، ނުވަތަ ސްޕެލިންގ ދެނެގަތުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ. މި މައްސަލަ ހުންނަ ކުދިންނަށް ގުރުއާނުގެ އަކުރުތައް ކިޔުމުގައިވެސް ދަތިތައް ހުރެއެވެ. ސުކޫލުތަކުގައި މިފަދަ ކުދިންނަށް ހާއްސަ އެހީތެރިކަމެއް ބޭނުންވެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ޑިސްލެކްސިއާއަކީ ޖެނެޓިކް ގޮތުންއާއިލީ ވާރުތައިން ނުވަތަ ދިރިއުޅޭ މާހައުލުގެ ތެރެއިން ވާރުތަވާ މައްސަލައެކެވެ.
ޑިސްލެކްސިއާގެ ސަބަބުން ސިކުނޑިއަށް މަޢުލޫމާތު ލިބި، އެ މަޢުލޫމާތު ދޭހަވެ، ދެނެގަތުމުގައި ދަތިތަކެއް ހުރެއެވެ. އަދި ސިކުނޑީގެ ކޮން ބަޔަކަށް އެ މަޢުލޫމާތު ފޮނުވަންޖެހޭކަން ދެނެގަތުމާއި، މަޢުލޫމާތު އެއްކުރުމުގައިވެސް ގޮންޖެހުންތަކެއް ހުރެއެވެ. މިފަދަ ކުދިންނަށް އިނގިރޭސި އަދި ދިވެހި އަކުރުތައް ވަކިކޮށް ތަފާތު ދެނެގަތުމަކީ ފަސޭހަކަމަކަށް ނުވެއެވެ. އަދި ބަހުގައި ހިމެނޭ އަކުރުތަކާއި ފިލިތައް ތަފާތުކޮށް، އެ އަޑުތައް ދެނެގަނެ ކިޔުމުގައިވެސް ދަތިތަކެއް ހުރެއެވެ.

ޑިސްލެކްސިއާ ޖެހެނީ ޖެނެޓިކް އަދި ތިމާވެއްޓާ ގުޅުންހުރި ކަންތައްތަކުގެ ސަބަބުން
އުނގެނުމުގައި، އަދި ކަންތައްތައް ދެނެގަނެ ފަހުމުކުރުމުގައި ދަތިތަކެއް ކުރިމަތިވާ ނިއުރޮލޮޖިކަލް މި ހާލަތުގައި، ކުދިންނަށް ސިކުނޑިއަށް މެސެޖް ފޯރުވުމާއި، ފަހުމުވުމާއި، އަދި ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. އަދި އަކުރުތައް ވަކިކޮށް ތަފާތު ދެނެގަތުމާއި، ބަހުގެ އަކުރުތަކާއި ފިލިތައް ތަފާތުކުރުމާއި، އަޑުތައް ނަގައިގަނެ ދެނެގަތުމާއި ކިޔުމަށްވެސް ދަތިވެއެވެ.
ޑިސްލެކްސިއާ އެންމެ ފުރަތަމަ ފާހަގަކުރެވުނީ 1986 ގައި ކަމަށްވާއިރު، މިއަދު މިއީ ދުނިޔޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ފެންނަ އާންމު މައްސަލައެކެވެ. ގިނަ ބެލެނިވެރިންނަށް މިކަން ގަބޫލުކުރަން ދަތިވިޔަސް، މިއީ ކުރިމަތިލާންޖެހޭހަގީގަތެކެވެ. ޑިސްލެކްސިއާ ހުންނަ ކުދިންގެ ބޭރުފުށުން އެއްވެސް އުނިކަމެއް ނުފެންނާތީ، ބެލެނިވެރިންނަށް މިކަން ގަބޫލުކުރަން ދަތިވެއެވެ.
ކޮންމެ އުމުރެއްގައިވެސް ޑިސްލެކްސިއާ ޖެހިދާނެއެވެ. އެހެންނަމަވެސް އާންމުކޮށް މީގެ އަލާމާތްތައް ފެންނަނީ ޅައުމުރުގައާއި ވިހައި ހެދިބޮޑުވުމުގެ ތެރޭގައެވެ. ޑިސްލެކްސިއާ ހުންނަ ކުދިންގެ ހާއްސަ ސިފަތަކުގެ ތެރޭގައި ފިރުކެން ފެށުން ލަސްވުން، ހިނގައިގަތުން ލަސްވުމާއި އަދި ވާހަކަދެއްކަން ފެށުން ލަސްވުމާއި، ކުޅިވަރު ކުޅުމާއި ބައިސްކަލް ދުއްވުން ފަދަ ކަންކަމުގައި ލަސްކަމެއް ހުރުން ހިމެނެއެވެ.
ޑިސްލެކްސިއާއަށް ފަސޭހައިން ފަރުވާއެއް ނެތެއް ކަމަކު އެކަށީގެންވާ އެހީތެރިކަމާއެކު މިކަމުގެ އަސަރުތައް ކުޑަކުރެވިދާނެއެވެ. މީގެ ތެރޭގައި:
1. ޚާއްޞަ ތަޢުލީމީ އެހީތެރިކަން
2. ވަކި ކުއްޖަކަށް އަމާޒުކޮށްގެން ތައްޔާރުކުރެވޭ ދަސްކުރުމުގެ ޕްރޮގްރާމްތައް
3. އޯޑިއޯ ފޮތްތަކާއި ޚާއްޞަ ކޮމްޕިއުޓަރ ސޮފްޓްވެއަރ ބޭނުންކުރުން
4. ސްޕީޗް ތެރަޕީ އަދި އޮކިއުޕޭޝަނަލް ތެރަޕީ

ޑިސްލެކްސިއާ މެނޭޖް ކުރުމަށާއި ސަޕޯޓް ދިނުމަށް އެކި ގޮތްތައް ބޭނުން ކުރެވިދާނެ
ޑިސްލެކްސިއާ ހުންނަ ކުދިންނަށް އެހީތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންތަައްތަކުގެ ތެރޭގައި:
1. ކެތްތެރިކަމާއެކު ކުއްޖާއަށް ވަގުތު ދިނުން
2. ކުއްޖާގެ ހުނަރުތަކާއި ޝައުޤުވެރިކަން ހުރި ދާއިރާތައް ދެނެގަނެ، އެކަންކަމަށް ހިތްވަރުދިނުން
3. ކުއްޖާގެ އިތުބާރު އިތުރުކުރުމަށް މަސައްކަތްކުރުން
4. ކިޔެވުމުގެ އިތުރުން އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމަށް ހިތްވަރުދިނުން
ޑިސްލެކްސިއާ އަކީ ހަގީގަތުގައިވެސް ވުޖޫދުގައިވާ އުނގެނުމުގެ ދަތިކަމެކެވެ. މިއީ ހަމައެކަނި ބަސްބާހަތީ ނުލަފާވެ ބޯހަރު ކަމުން ވާގޮތެއް ނޫނެވެ. މި ހާލަތަށް ރަނގަޅު ސަޕޯޓާއި އެހީތެރިކަން ލިބިއްޖެނަމަ، ޑިސްލެކްސިއާ ހުންނަ ކުދިންނަށްވެސް ތަޢުލީމީ އަދި ޕްރޮފެޝަނަލް ދާއިރާގައި ކާމިޔާބު ހޯދިދާނެއެވެ.
ގަސްދުގައި ދަރިފުޅު، ނުވަތަ ދަރިވަރު "ނުލަފާ ކަމުން މިވެނި އެވެނި ކަމެއް ނުކުރަންވެގެން، ދައްކާހާ ބަހަނާ، ތަންކޮޅެއް ބޮޑަށް ބަސްނާހަނީ، ނުލަފައީ ހަމަ، އެހެންދެން ކޮންކަމެއް، ދައްކާ ވާހަކަ ރީއްޗަށް އަޑުއަހަން ހުރެފަ ވިއްޔާ އެހެން އެ ނޭނގޭ ކަމަށް ހަދަނީ، ހާސްފަހަރު އެކައްޗެއް ކިޔައިދޭއިރު މިކިޔާ އެއްޗެއް ނޭނގޭނީ އަޑު ނީވޭނަމަތާ. ކަންކަމުގައި މިނަށްވުރެ ހަމަ ބޯހަރުކަމުން." މިހެން ބުނެ އެކުދިންނަށް އިތުރު ހިތްދަތިކަމެއް ދިނުމުގެ ބަދަލުގައި އެކުދިންގެ ކިބައިގައި މައްސަލައެއް ހުރިކަމާއި އެކަންތަކާއެކު އުޅެވޭނެ ވަކި ގޮތެއް ހޯދިދާނެކަމުގެ ޔަގީންކަން ބުނެދިނުމަކީ ތިމަތިމާމެންގެ ޒިންމާއެއްކަން ދެނެގަންނަން އެބަޖެހެއެވެ. ހިއްސު ސަލާމަތުން ކުޅެދޭ ބައެއްގެ ގޮތުގައި ތބެމެ ހަމަ މިމުޖުތަމައުގެ ކުދިން، އަމިއްލަ ޒިންމާގެ ދަށުގައި ތިބެންޖެހޭ ކުދިން މިއަދުގެ މުޖުތަމައުގައި "ޑިސްލެކްސިއާ" އެއީ ބައްޔެއްކަމަށް ހަދައިގެން ގުރައިދޫގައި ހުންނަ ހާއްސައެހީގެ މަރުކަޒާ ހަމައަށް ގެންގޮސްފައި އެބަހުއްޓެވެ. އެހެންނަމަވެސް މިއީ ބައްޔެއް ނޫންކަން މިއަދު ގަބޫލު ކުރަން އެބަޖެހެއެވެ. އަދި މިއީ ހާލަތެއް ކަމާއި އެއީ ކުދިންގެ ލަހުން އަކުރު ކިޔުމާއި ދެނެގަތުމުގައާއި ދަސްކުރުމުގައި ލަސްވުމެއް އުޅޭތީ، ވާކަމެއް ކަން ގަބޫލު ކުރަން އެބަޖެހެއެވެ. ނަފުސާނީ ބޮޑު ބައްޔަކަށް ހަދައި މުޅި ދުނިޔެއަށް ގިނަކޮށް ނިކަމެތިކޮށްލުމަކީ ކޮންފަދަ ބޭއިންސާފެއްތޯއެވެ!
މިފަދަ ގިނަގުނަ ގޮންޖެހުންތަކާ އަޅުގަނޑުމެން ކުރިމަތިލާން ޖެހޭނެއެވެ. ތަރައްޤީގެ މަގުގައި އަވަސް ސްޕީޑެއްގައި ދަތުރުކުރަމުންދާއިރު، އަޅުގަނޑުމެން މިފަދަ ކަންކަމުގައި ފަރުދީ ޒިންމާ ނެގުމުގެ ބަދަލުގައި އެކަމުގެ ޒިންމާއިން އަތްދޮވެލައި ދުރަށް ޖެހި އެކަމަށް ފިލައިފިނަމަ އޭގެ ސަބަބުން ނޭދެވޭ ނަތީޖާތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެހެންކަމުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ސިއްހީ މައްސަލަތަކާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގައި، ގިނަ ބަޔަކަށް ދަރިން ތަރުބިއްޔަތުކުރުމާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނުމަކީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ. މައުސޫމު ކުޑަކުދިންނަށް ދިމާވާ މިފަދަ މައްސަލަތައް ދެނެގަތުމަކީ، ފާގަތި މުސްތަގުބަލެއްގައި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް މަގުފަހިވާނެ ކަމެއްކަން ޔަގީނެވެ.

