ޑިމޮކްރަސީގައި ރާއްޖެއިން ދުވަހުން ދުވަހަށް ކުރިއެރުންތަކެއް ހޯދަމުންދާ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ފުވާދު ތައުފީގް ވިދާޅުވެއްޖެ އެވެ.
ގައުމީ ޔުނިވާސިޓީގެ ޕޮލިޓިކަލް ސައިންސް ދަރިވަރުން ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހާއި ގުޅިގެން ރަސްފަންނުގައި ބޭއްވި ޕަބްލިކް ފޯރަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ފުވާދު ވިދާޅުވީ، ދުނިޔޭގެ ޑިމޮކްރަސީ އާއި ދިވެހި ޑިމޮކްރަސީ ވަނީ ގުޅިލާމެހިފައި ކަމަށެވެ.
ފުވާދު ވިދާޅުވީ ޑިމޮކްރަސީގެ ދިގު ތާރީހެއް އޮތްނަމަވެސް، ގައުމުތަކުގައި ޑިމޮކްރަސީ ދެމިގެންދާތަން ނުފެންނަކަމަށެވެ. އެގޮތުން ޑިމޮކްރެޓިކް އުސޫލުން ވަކި ހިސާބަކަށް މަސައްކަތްގޮސް، ދިރާސީ ނުވަތަ އަސްކަރީ ވެރިކަމެއް އުފެދިގެން އަންނަ ކަމަށާއި، އެހިސާބުން ޑިމޮކްރަސީގެ ނަމުގައި ކުރާ ކަންތައް ވަޅުޖެހިންގެދާކަމަށް ފުވާދު ވިދާޅުވި އެވެ.
ފުވާފު އިތުރަށް ވިދާޅުވީ ފަހުގެ ތާރީހުގައި ދިވެހިން ވެސް ޑިމޮކްރަސީގެ ނިޒާމުގެ ތެރެއިން ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އެގޮތުން ދެވަނަ ޖުމްހޫރިއްޔާއާއެކު ރާއްޖެ މި ނިޒާމުގައި ކުރިއެރުންތަކެއް ހޯދަމުން އައިސް، 2008 ވަނަ އަހަރު އާ ގާނޫނު އަސާސީއާއެކު ކުރިން ނުލިބޭ އެތަކެއް ހައްގުތަކެއް ލިބިގެންދިޔަ ކަމަށް ފުވާދު ފާހަގަކުރެއްވި އެވެ.
ގައުމީ ޔުނިވާސިޓީގައި ޕޮލިޓިކަލް ސައިންސް ކިޔަވަމުންދާ ދަރިވަރުން ވެސް ވަނީ ޑިމޮކްރަސީ ދުވަހާއި ޑިމޮކްރަސީއާ ގުޅޭގޮތުން މި ފޯރަމްގައި ވާހަކަ ދައްކާފަ އެވެ.
ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. މި އަހަރުގެ ޑިމޮކްރަސީ ދުވުގެ ޝިއާރަކީ މަސްނޫއީ ސިކުނޑި ބޭނުންކޮށްގެން ހަރަދުނާ ހިންގުމުގެ ނިޒާމެއް ގާއިމްކުރުމެވެ.

