ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފުލެޓަކަށް ފިރިހެނުން ގެންގޮސް ފޭރުނު މައްސަލަތަކެއްގައި ހައްޔަރުކޮށްފައިވާ ދެ މީހަކަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ ޚިދުމަތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އަންހެނަކު ފިރިހެނުންނަށް ދައުވަތު ދިނުމަށްފަހު، ހިޔާ ފުލެޓަކަށް ގެންގޮސް، އިތުރު ފިރިހެނަކާ ބައިވެރިވެގެން ފިރިހެނުން ބަރަހަނާކުރުމަށްފަހު، ބްލެކްމެއިލް ކޮށްގެން ފައިސާ ފޭރޭ މައްސަލަތަކެއް ފެންމަތިވެފައިވަނީ މިއަހަރު ފެށުނު ކޮޅުގައެވެ.
މި މައްސަލަތަކުގައި އުމުރުން 39 އަހަރުގެ އަންހެނަކާއި 44 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެ ދެ މީހުންނަކީ މާލެއަށް ނިސްބަތްވާ ދެ މީހުންނެވެ.
އެ ދެ މީހުންގެ ބަންދާމެދު އިތުރު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ 30 ދުވަހަށް ދެ މީހުން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ މި މައްސަލާގައި ދައުވާކުރުމަށްޓަކައި ލިޔެކިޔުންތައް ޕީޖީ އޮފީހަށް ބަލައިގަނެފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވެފައިވާ ކަމަށެވެ.
ކޯޓު އަމުރުގައިވާ ގޮތުން މި މައްސަލާގައި ފުލުހުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި ތަހުގީހު ބަޔާން ސޯކޯ ރިޕޯޓާއި ސީސީޓީވީ ފޫޓޭޖްގެ ސްނެޕް ޝޮޓާއި ބޭންކް ސްޓޭޓްމަންޓް ހުށަހަޅާފައިވެއެވެ.
ފުލުހުން ބުނެފައިވާ ގޮތުން ފޭރުމުގެ މި މައްސަލަތަކުގައި ގާތްގަނޑަކަށް 48,000 ރުފިޔާ ހިމެނެއެވެ.

