އިހަވަންދިއްޕޮޅުގައި "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި އިންޓަނޭޝަނަލް ބަންކަރިންގ ފެސިލިޓީ" އެޅުމަށް އެސްޓީއޯއިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާއެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާޗު މަހުއެވެ.
އެސްޓީއޯއާއި އެމްޕީއެލް ގުޅިގެން ބަންކަރިންގ ޚިދުމަތް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ނިމިފައިވާއިރު، އެސްޓީއޯއިން އޮފްޝޯ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދޭއިރުގައި އެމްޕީއެލްއިން ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.
ބަންކަރިންގެ ޚިދުމަތާއެކު އެމްޕީއެލްއަށް ލިބިގެންދާނެ ކުރިއެރުންތަކާ ގުޅޭ ގޮތުން އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު ވިދާޅުވެފައިވަނީ އެ ޚިދުމަތާ ގުޅުން ހުރި އެތައް ޚިދުމަތްތަކެއް އެމްޕީއެލްއިން ފޯރުކޮށްދޭނެ ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު. ފޮޓޯ: އެމްޕީއެލް
އޭގެތެރޭގައި ވޯޓަރ ބަންކަރިންގ، ސާފު ފެން ފޯރުކޮށްދިނުން، ކްރޫޒު ޓާމިނަލް ޕައިލަޓޭޖް، ޓަވާ ޚިދުމަތް އަދި ބޯޓު ފަހަރަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހިމެނޭ ކަމަށް ވަޖީހު ވިދާޅުވެފައިވެއެވެ.
މިސާލަކަށް ކާބޯތަކެތި ވިޔަސް އަދި ލުބްރިކަންޓްސް ފަދަ ސްޕެއަރ ފަދަ އަދިވެސް ވެސަލްސްއަށް ބޭނުންވާ ވަރަށް ގިނަ ކަންތައް ކޮށްދޭނެ.
ވަޖީހު ވިދާޅުވެފައިވާ ގޮތުން މިހާރު ވެސް ހއ.އުލިގަމު ކައުންސިލު ރެކޯޑުތައް ދައްކާ ގޮތުން މަހެއްގެ މައްޗަށް 6 ނުވަތަ 8 އާގުބޯޓުން ފެނުގެ ޚިދުމަތް ހޯދަން އެދެއެވެ.
އެހެންވީމާ އަޅުގަނޑުމެންނަށް އެ ސަރަހައްދުން ތެލާއި ފެނާއި ފޯރުކޮށްދެވުނީމާ ރަނގަޅު ވިޔަފާރިއެއް އުފެދިގެންދާނެ.
ވަޖީހު ވިދާޅުވެފައިވާ ގޮތުން އިހަވަންދިއްޕޮޅުގެ ރަށްތަކާއި ވަރަށް ކައިރިން، ކޮންމެ 24 ގަޑިއިރެެއްގެ ތެރޭ ދުނިޔޭގެ އެކި ގައުމުތަކުގެ 250 ވަރަކަށް ބޮޑެތި ކާގޯ ބޯޓު (އާގު ބޯޓު) ދަތުރު ކުރަމުންދާއިރު އެމްޕީއެލްގެ އަމާޒަކީ، މި ބޯޓުތަކަށް ބޭނުންވާ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމެވެ.
ވަޖީހު ވިދާޅުވެފައިވާ ގޮތުގައި ގުޅިލާމެހިފައިވާ ދުނިޔެއެއްގައި، ރާއްޖެ އުފެދިފައި މިވަނީ، މެރިޓައިމް ދާއިރާއިން ބޮޑެތި ނަފާތަކެއް ގައުމަށް ހޯދާ ދެވިދާނެ ފަދަ މުހިންމު ލޮކޭޝަނެއްގައި ނަމަވެސް، ހިތާމަޔަކީ މިބޮޑު މަންފާ މިހާތަނަށް އެއްވެސް ސަރުކާރަކަށް ގައުމަށް ހޯދާ ދެވިފައި ނެތް ކަމެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ މެރިޓައިމް ސިނާއަތަކީ ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ސިނާއަތަށް ހެދުން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު. ފޮޓޯ: އެމްޕީއެލް
އެމްޕީއެލްއިން މިހާރު ވަނީ އުތުރުގައި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މެރިޓައިމްގެ ޚިދުމަތްތަކާ ގުޅޭ ޚާއްސަ ވެބްސައިޓް، އުތުރު މެރިޓައިމް ސަރވިސަސް (ޔޫއެމްއެސް) ވެބްސައިޓު ވެސް ލޯންޗުކޮށްފައެވެ. މި ވެބްސައިޓް މެދުވެރިކޮށް، ޚިދުމަތް ހޯދަން ބޭނުންވާ އުޅަނދު ފަހަރަށް ކުރިއާލައި ބުކިން ހެދޭނެއެވެ.
ސީއީއޯ ވަޖީހު ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކާގޯ ބޯޓު ފަހަރަށް ފޯރުކޮށްދޭ މިފަދަ ޚިދުމަތްތަކުގެ ތެރޭ ހިމެނޭ އެންމެ މުހިންމު 14 ޚިދުމަތް، ފޯރުކޮށްދިނުމަށްޓަކައި ތައްޔާރުވެފައިވާއިރު، އެކަންތައްތަކުގެ މައުލޫމާތު ޔޫއެމްއެސް ވެބުސައިޓުގައި ހިމެނިފައިވާނެ އެވެ.

ފޮޓޯ: އެމްޕީއެލް
ބަންކަރިންގ ޚިދުމަތް ތައާފުކުރުމުން ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ފައިދާއަކީ އިގުތިސާދީ ކުރިއެރުން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އަދި މި ސަރަހައްދުގެ މުހިންމު ތެޔޮ ވިއްކާ މަރުކަޒަކަށް ދިވެހިރާއްޖެ ވެގެން ދިއުމުގެ ސަބަބުން، މި ކަނޑުން ދަތުރުކުރާ ކޮންމެ އުޅަނދަކުން ވެސް ތެޔޮ ގަތުމުގެ ފުރުސަތު ލިބި، އޭގެ ސަބަބުން ރަށްރަށުގެ އިގުތިސާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

ފޮޓޯ: އެމްޕީއެލް
ސަރުކާރުން ބުނެފައިވާ ގޮތުން މިކަމުގެ ސަބަބުން ގައުމީ އާމްދަނީ އިތުރުވެ، ވަޒީފާގެ އައު ފުރުސަތުތައް އުފެދި، އަދި ޖުމްލަކޮށް ގަމުގެ އިގުތިސާދީ ދުވެލި އިތުރުވެގެންދާނެކަން ޔަގީނެވެ.
ސަރުކާރުން މި މަޝްރޫއު ކުރިއަށް ގެންދަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވައްސަކީ އޮފް-ޕޯޓް ބަންކަރިން ކަމަށްވާއިރު، ދެވަނަ ފިޔަވަހީގައި ޕޯޓެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

