ކުރިއަށް އޮތް ތަނުގައި ރާއްޖެއާއި ގުއަޓެމާލާ އަދި އެލް ސަލްވަޑޯއާ އިތުރަށް ގުޅުން ބަދަހިވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ އެ ދެ ގައުމުގެ ގައުމީ ދުވަހުގެ މުނާސަބާގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
އެލް ސަލްވަޑޯގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ހުއާނާ އެލެކްޒެންޑްރާ ހިލް ޓިނޯކޯއަށް މިނިސްޓަރު ޒަމީރު ފޮނުއްވި މެސެޖުގައި ވަނީ އެ ގައުމުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެލް ސަލްވަޑޯގެ ސަރުކާރަށާއި ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި، ދެގައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ބަދަހިވެ، އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ގުއަޓެމާލާގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ކާލޯސް ރަމީރޯ މާޓިނޭޒް އަލްވަރާޑޯއަށް ފޮނުއްވި މެސެޖުގައި ވެސް މިނިސްޓަރު ޒަމީރު ވަނީ ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ގުއާޓެމާލާގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ރަހުމަތްތެރި ކަމުގެ ގުޅުމާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މި ދެ މެސެޖުގައި ވެސް މިނިސްޓަރު ވަނީ އެ ދެ ގައުމުގެ ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތާއި އިތުރު ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާކަން ފާހަގަކުރައްވައިފައެވެ.

