ޕްލޭންގައި އޮތް ގޮތަށް އަންނަ ބުރާސްފަތި ދުވަހު ބަންކަރިންގެ ޚިދުމަތް ފެށޭނެ ކަމަށް އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު މިރޭ ވިދާޅުވެއްޖެއެވެ.
ވަޖީހު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޖީހު ވިދާޅުވީ ހއ.އިހަވަންދިއްޕޮޅުގައި ބަންކަރިންގ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ އެކަމުގެ މަސައްކަތް ފަށަން މިހާރު ތައްޔާރުވެފައިވާ ކަމަށާއި މި މަހުގެ 19 ވަނަ ދުވަހު އެ ޚިދުމަތް ފެށޭނެ ކަމަށެވެ.
ބަންކަރިންގ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ އެކަމުގެ މަސައްކަތް ފަށަންވެފަ މިއޮތީ، ދެން ކޮންމެވެސް ސަބަބަކާހުރެ ލަސްވި ވާހަކަ ވެސް ބަޔަކު ދައްކާ، އެހެންނަމަވެސް އަޅުގަނޑުމެންގެ ޕްލޭންތަކާ އެއްގޮތަށް އެކަން ކުރިއަށް ގޮސް މިހާރު މިވަނީ އެކަމަށް ހުރިހާ ކަމެއް ތައްޔާރުކޮށް ނިމިފަ.
ބަންކަރިންގެ ޚިދުމަތް ފެށުމަށްޓަކައި އޭގެ ކުރިން ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވައި، އޭގެތެރޭގައި އިންޓަނޭޝަނަލް ގޭޓްވޭއެއް ހަދަންޖެހޭކަމަށް ވިދާޅުވެފައެވެ.
އެގޮތުން ހއ.އުލިގަމުގައި އައިއެސްޕީއެސްގެ ނަމުގައި ގޭޓްވޭއެއް ޚާއްސަކޮށްފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި އެތަނުގައި އެމްއެންޑީއެފްއާއި ކަސްޓަމްސްއާއި އިމިގުރޭޝަނާއި ޕޯޓްހެލްތުން މަސައްކަތް ކުރާނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވި ގޮތުން މިހާރު ވަނީ މަސައްކަތް ކުރެވޭނެ ހުރިހާ ޖާގައެއް ތައްޔާރުކޮށް، ވަޒީފާއަށް މީހުން ނަގައި ތައްޔާރުވެފައެވެ.
ބަންކަރިންގެ ޚިދުމަތް ދޭނީ އެސްޓީއޯއިން އިސްވެ އޮވެގެންނެވެ. އެގޮތުން އެސްޓީއޯއިން އޮފްޝޯ ބަންކަރިންގ ޚިދުމަތް ފޯރުކޮށްދޭއިރު، އެމްޕީއެލްއިން ޕައިލަޓޭޖާއި މެރިޓައިމްގެ އެހެން ޚިދުމަތްތައް ފޯރުކޮށްދޭނެއެވެ.

