ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ރާއްޖޭގެ އިގުތިސާދު ނަގައި ކޮޅަށް ޖެއްސެވުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށާއި އެމަނިކުފާނު މި ގައުމު ސަލާމަތް ކުރައްވާނެ ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މިރޭ ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝުޖާއު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ފުނޑާލާފައިވާ ރާއްޖޭގެ އިގުތިސާދު ނަގައި ކޮޅަށް ޖެއްސެވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ ބުރަ މަސައްކަތްޕުޅުގެ މައުލޫމާތު މިރޭ ރަށު ރައްޔިތުންނަށް ދެއްވާފައިވާ ކަމަށެވެ.
މާލެދާން ދިޔަ މަގުމަތީގަ ރަށަށް ކައިރިކޮށްލާފަ އެމްޑީޕީ ސަރުކާރުން ފުނޑާލާފައިވާ ރާއްޖޭގެ އިގުތިސާދު ނަގާ ކޮޅަށް ޖެއްސެވުމަށް ރައީސް ޑރ. މުޢިއްޒު ކުރައްވާ ބުރަ މަސައްކަތްޕުޅުގެ މައުލޫމާތު މިރޭ ރަށު ރައްޔިތުންނަށް ދީފިން.މާތް الله ގެ ވާގިފުޅާއެކު ރައީސް ޑރ. މުޢިއްޒު މި ގައުމު ސަލާމަތްކުރައްވާނެ.
މީގެއިތުރުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު، ދިވެހި އިގުތިސާދު ނަގައި ކޮޅަށް ޖައްސަވާނެ ކަމުގެ އަލިގަދަ ހެކިތައް ފެންނަމުންދާ ކަމަށާއި ކުރިއަށް އޮތް މަދު ދުވަސްކޮޅުތެރޭގައި ޗައިނާގެ ލޯނުތަކަށް ދިވެހި ރުފިޔާއިން ފައިސާދެއްކޭނެ ކަމަށެވެ. އަދި ދިވެހި ވިޔަފާރި ވެރިންނަށް ޗައިނާއިން އެތެރެކުރާ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ކަމަށެވެ.
މީގެއިތުރުން ދެ ގައުމުގެ ރައްޔިތުންނަށް ދެ ގައުމަށް ދަތުރުކޮށް ޔޫއެސް ޑޮލަރާއި ނުލައި އެ ގައުމެއްގެ ފައިސާއިން ވިޔަފާރީގެ މުއާމަލާތްތައް ކުރެވޭނެ ކަމަށާއި ދެ ގައުމުގެ އިންވެސްޓްމަންޓްތަކަށް ދެ ގައުމުގައި އެ ގައުމެއްގެ ފައިސާއިން އިންވެސްޓްކޮށް ހެދޭނެކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުޢިއްޒު، ރައްޔިތުން ހެއްވާލަ ދެއްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

