އިމިގްރޭޝަނުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މި މައްސަލަތައް ބަލަމުން އަންނަ ކަމަށާއި، މި ޕްލެޓްފޯމް މެދުވެރިކޮށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.
"އިމިގްރޭޝަން ވޮޗް" ތަޢާރަފްކޮށްފައިވަނީ މިދިޔަ ޖުލައި 17 ވަނަ ދުވަހުއެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މަޢުލޫމާތާއި ފޮޓޯ ހުށައެޅުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.
އިމިގްރޭޝަނުން އިތުރަށް ހާމަކުރި ގޮތުގައި، މިހާތަނަށް ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3,542 ބިދޭސީން ރާއްޖެއިން ފޮނުވާލާފައިވެއެވެ. އަދި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސިލްސިލާ ހަރަކާތްތަކެއް ކުރިއަށްދާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގައި މި އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމާއި، ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް، ބިދޭސީންގެ މައްސަލަތައް ތިން އަހަރުގެ ތެރޭގައި ހައްލުކުރުމެވެ.
އިމިގްރޭޝަނުން ރައްޔިތުންނަށް ގޮވާލާފައިވަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތައް ސޯޝަލް މީޑިއާގައި ހިއްސާކުރުމުގެ ބަދަލުގައި، ސީދާ އިމިގްރޭޝަނާ އެ މަޢުލޫމާތު ހިއްސާކުރުމަށެވެ.

