މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ކުޅުދުށްފުށި ސިޓީގައި ހިންގާ ޕޯޓްގައި ބޯޓު ޔާޑެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު ރޭ ވިދާޅުވެއްޖެެއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަޖީހު ވިދާޅުވީ އެމްޕީއެލްއިން ކުޅުދުށްފުށި ޕޯޓް ހިންގަމުން އައީ ގެއްލުމުގައި ކަމަށްވާތީ ކުންފުނިން އަމާޒު ހިފީ އެކަން ބަދަލުކުރުމަށް ކަމަށެވެ.
އެގޮތުން ގެންނަން ބޭނުންވި އެންމެ ބޮޑު ބަދަލަކީ އެތަނުގައި ބޯޓު ޔާޑެއް ގާއިމުކޮށް ފައިބަރުގެ މަސައްކަތް ކުރުން ކަމަށާއި މިހާރު ބޯޓު ޔާޑު ގާއިމުކޮށް ނިމިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.
ބޯޓު ޔާޑުގެ ޚިދުމަތް ދޭން ބޭނުންވާ ތަކެތި އިއްޔެ އެ ކުންފުނީގެ ލޭންޑިންގ ކްރާފްޓަކަށް ބަރުކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެ ސާމާނު ކުޅުދުށްފުށްޓަށް ގެންދެވުމުން ޚިދުމަތް ފެށިގެންދާނެކަމަށް ވަޖީހު ވިދާޅުވިއެވެ.
ހަމައެއާއެކު ބޯޓު ޔާޑުގައި މަސައްކަތް ކުރާނެ މުވައްޒަފުން ވެސް ތަމްރީންކޮށް ނިމިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ.

