ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާއީ ޖަމްއިއްޔާތަކާއެކު ބޭއްވި ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން ވަރަށް ކާމިޔާބު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ތިން ސެޝަނަކަށް ބަހާލައިގެން ދީނީ އިޖުތިމާއީ ޖަމްއިއްޔާތަކާއެކު ބޭއްވި ޖަމްއިއްޔާތަކުގެ އަހަރީ ބައްދަލުވުން ކުރިއަށްގެންދިޔައީ އިއްޔެގައެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްއިއްޔާއަކުން 98 މަންދޫބުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި އޮންލައިންކޮށް ބައިވެރިވި ބައެއް ފަރާތްތައް ވެސް ހިމެނެއެވެ.
އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ދީނީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ ދައުރު ވަރަށް ބޮޑު ކަމަށެވެ. އަދި މިފަދަ ޖަމިއްޔާތަކުގެ ފުރަތަމަ މަހާސިންތާ ވަރަށް ކާމިޔާބުކަމާއެކު ނިމިއްޖެކަން ވެސް މިނިސްޓަރުގެ ޕޯސްޓުގައި ފާހަގަކުރައްވާފައި ވެއެވެ.
ބައިވެރިންނަށް ޝުކުރު ދަންނަވައި ހެޔޮ ދުޢާ ރައްދުކުރަން.
އިއްޔެ ބޭއްވި މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދައުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްއިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކުރުމާއި، ޖަމްއިއްޔާތަކުން ދައުވަތުގެ ކަންކަމުގައި ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް ލިބިގެން ދިޔައެވެ.

