ހުޅުމާލޭ ދެ ފިޔަވަހި ގުޅޭ ބުރިޖު މަތީގައި ލޮރީއަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއްގައި އެކަކަށް އަނިޔާވެ ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ފޭސް 1، ފޭސް 2 ބުރިޖު މަތީގައި ލޮރީއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭތީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި، ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
އެއީ 24 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ފަހަކަށް އައިސް މާލެއާއި ހުޅުމާލޭގައި ވަނީ ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގާފައެވެ. އެއިން ބައެއް އެކްސިޑެންތަކުގައި މީހުން ނިޔާވެފައި ވެސް ވެއެވެ.
މިފަދަ އެކްސިޑެންޓްތަކާ ގުޅިގެން ފުލުހުން ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ވެސް ފަށާފައެވެ.

