ހއ.އުލިގަމުގައި ޔޮޓް މެރީނާ ތަރައްގީކުރަން 6 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުޙައްމަދު ވަޖީހު ރޭ ވިދާޅުވެއްޖެއެވެ.
ވަޖީހު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
ވަޖީހު ވިދާޅުވީ އުލިގަމަކީ ޒަމާނުއްސުރެން ފެށިގެން އަހަރެއްގެ މައްޗަށް އެތައް ސަތޭކަ ޔޮޓެއް ބަނދަރުކުރާ ރަށެއް ކަމަށެވެ. ނަމަވެސް މިހާތަނަށް އެއްވެސް ސަރުކާރަކުން އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމުގައި ސީއީއޯ ވިދާޅުވިއެވެ.
މިހާ ހިސާބަށް އެއްވެސް ސަރުކާރަކުން އެއްވެސް ކަމެއް ކޮށްދީފައެއް ނެތް. އަޅުގަނޑުމެން މި ސަރުކާރުން މި ބޭނުންވަނީ ލަސްތަކެއް ނުވެ އުލިގަމުގައި ޔޮޓު މެރީނާއެއް ގާއިމުކުރަން.
އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ އެކަމަށް ޝައުގުވެރިކަން ފާޅުކޮށް 6 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ.
ވަޖީހު ވިދާޅުވި ގޮތުގައި މެރީނާ ތަރައްގީ ކުރަން ހުޅުވައިލުމުން އެކަމަށް އެދި ހުށަހެޅި ޕްރޮޕޯސަލްތައް ދިރާސާކުރުމުގެ މަސައްކަތް މިހާރު ކުރިއަށް އެބަދެއެވެ. އަދި އަންނަ އަހަރު މެރީނާގެ މަސައްކަތް ފެށޭނެ ކަމަށް ވަޖީހު ވިދާޅުވިއެވެ.
މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ކުންފުނިން އުލިގަމު ކައުންސިލާއެކު މަޝްވަރާތައް ކޮށްފައިވާ ކަމަށް ވެސް ވަޖީހު ވިދާޅުވިއެވެ.
މީގެއިތުރުން ވަޖީހު ވިދާޅުވީ މަސައްކަތް ކުރަމުންދަނީ ޕްލޭނެއް، ވިޝަނެއް އޮވެގެން ކަމަށާއި ހަމަ ތިބެފައި ކަމެއް ކުރާ އުސޫލުން ކަމެއް ކުުރަނީ ނޫން ކަމަށެވެ.
ވަޖީހު ވިދާޅުވީ ކުރަމުން މިދަނީ ޕްލޭންތަކެއް ރޭވިގެން ކަންކަން ހާސިލުކުރުމުގެ މަސައްކަތް ކަމަށާއި އެ ކަންކަން ކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

