ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހު ގެނައުމުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން 10 މިނިޓުތެރޭގައި ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކުންފުނީގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރެވެ.
މި ބިލުގެ މަސައްކަތް އަވަސް ކުރުމަށް މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި 77 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ބަލައިގެންފައެވެ. ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.
މަޖިލީހުން ބިލު ބަލައިގަތުމާއެކު ބިލު އިތުރަށް ދިރާސާކުރަން ވަނީ އިގުތިސާދީ ކޮމިޓީއަށް ފޮނުވައިފައެވެ.
އެގޮތުން ކޮމިޓީން ބިލުގެ މަސައްކަތް އެޖެންޑާކުރީ މިއަދުގެ 11:30 އަށެވެ. އެއާއެކު ކޮމިޓީގެ ބައްދަލުވުން ބާއްވައި 8 މެންބަރުންގެ އިއްތިފާގުން ވަނީ ބިލު ފާސްކޮށްފައެވެ.
ބިލަށް އިތުރު ބަދަލެއް ނުގެނެސް، ކޮމިޓީން މި ބިލު ފާސްކުރީ ގާތްގަނޑަކަށް 10 މިނެޓުތެރޭގައެވެ.
ސަރުކާރުން ކުންފުނީގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި ޚާއްސަ އާންމު ޖަލްސާ ބާއްވަން ލިޔުން ލިބޭތާ 3 ދުވަސްތެރޭގައި ޖަލްސާއަށް ދައުވަތު ދީ، އަދި 10 ދުވަހުގެތެރޭގައި ޖަލްސާ ބޭއްވުން ހިމެނެއެވެ. އަދި ޚާއްސަ އާންމު ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ 7 ދުވަސް ކުރިން ކުންފުނީގެ މެންބަރުންނަށް ނޯޓިސް ފޮނުވުން ހިމެނެއެވެ.
މީގެއިތުރުން ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އަދި އެހެން ގާނޫނެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއް އުފައްދާ ގާނޫނެއްގައި ނުވަތަ ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ކުންފުންޏެއްގައި މަދުވެގެން ތިބެންޖެހޭ ޑިރެކްޓަރުންގެ އަދަދު އިތުރުކުރެވުމާއި ބަޔާންކުރާ އަދަދަށް ޑިރެކްޓަރުން ނެތްކަމުގައިވާނަމަ، އަދި މެނޭޖިންގ ޑިރެކްޓަރަކު ނެތްނަމަ ޑިރެކްޓަރުން ނުވަތަ މެނޭޖިންގ ޑިރެކްޓަރުން އައްޔަންކުރަން އެންގުމުގެ ބާރު ރަޖިސްޓާއަށް ދިނުން ހިމެނެއެވެ. އެގޮތުން އަންގާތާ 10 ދުވަސްތެރޭގައި އެ އަދަދަށް ޑިރެކްޓަރުން އައްޔަންކޮށް، ނުވަތަ މެނޭޖިންގ ޑިރެކްޓަރަކު އައްޔަންކުރުމާއެކު އެ މައުލޫމާތު ރަޖިސްޓްރާއަށް ހުށަހެޅުން ހިމެނެއެވެ.

