ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިޚާބަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ހުޅުވާލައިފައިވާއިރު، އެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 30 ގެ ނިޔަލަށް ހަމަވާނެއެވެ.
ކޮންގްރެސް ޕާޓީގެ އެތެރޭގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
އަންނަ އޮކްޓޫބަރު 19 ގައި ބާއްވަން ތާވަލުކޮށްފައިވާ މި އިންތިޚާބުގައި 2095 މަގާމަކަށް މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އޭގެތެރޭގައި ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި
ޒުވާނުންގެ ގޮފީގެ ރައީސާއި އަންހެނުންގެ ގޮފީގެ ރައީސާއި
ދާއިރާތަކުގެ ސްޓިއަރިންގ ކޮމިޓީތަކަށް މެންބަރުން އިންތިޚާބުކުރާނެއެވެ.
ދާއިރާތަކުގެ ރައީސުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ނެތް ދާއިރާތަކަށް އެކަންޏެވެ.
ނަމަވެސް މަޖިލީހުގައި ޕީއެންސީގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެންބަރުން ކަމަށް ކޮންގްރެސް ޕާޓީން ވަނީ ކަނޑައަޅާފައެވެ.
ޕީއެންސީއިން ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ދާއިރާއަކަށް ވެސް ނައިބު ރައީސް އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު ސްޓިއަރިންގ ކޮމިޓީ ވެސް ކޮންމެ ދާއިރާއަކުން އިންތިޚާބުކުރަން ނިންމާފައިވާއިރު، 3000 އަށްވުރެ ދަށުގެ އާބާދީތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވަނީ 7 މެންބަރުންގެ ކޮމިޓީއެކެވެ. އަދި 3000 އަށްވުރެ މަތީގެ އާބާދީތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވަނީ 9 މެންބަރުންގެ ކޮމިޓީއެކެވެ.

