ފާއިތުވެދިޔަ 6 މަސްތެރޭގައި ޑްރަގް ރިހެބިލިޓޭޝަން ފަރުވާ 400 އަށްވުރެ ގިނަ މީހުންނަށް ދީފައިވާ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފިއެވެ.
ޑްރަގް ރިހެބިލިޓޭޝަން ފަރުވާ ބޭނުންވާ 700 އަށްވުރެ ގިނަ މީހުން ވެއިޓިންގ ލިސްޓުގައި ތިބިއިރު، އެ މީހުންނަށް ފަރުވާދިނުމުގެ ގޮތުން މިދިޔަ ޑިސެމްބަރު މަހު ވަނީ "އޮޕަރޭޝަން ފަނާރު" ގެ ނަމުގައި ޚާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.
އެންޑީއޭއިން ބުނީ މި އޮޕަރޭޝަނުގެ ދަށުން ފާއިތުވި 6 މަސް ދުވަހުގައި 446 މީހުން ފަރުވާ ފުރިހަމަކޮށްފައިވާ ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ ފަރުވާ ނުފެށޭ 254 މީހުން އެބަތިބި ކަމަށް އެ އެޖެންސީއިން ބުންޏެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވުޒާރާގެ ނައިބު އަދި އެންޑީއޭގެ ޗެއާޕާސަން ލުބްނާ މުޙައްމަދު ޒާހިރު ވިދާޅުވެފައިވާ ގޮތުން މަސްތުވާތަކެތީގެ ފަރުވާއަށް އަމިއްލައަށް އެދިގެން އަންނަ މީހުންގެ އަދަދު މިހާރު ވަރަށް ގިނައެވެ. އަދި މިހާރު ކުރަމުންދަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދިނުމަށް ކުރަންޖެހޭ މަސައްކަތްތައް އަވަސް ކުރުމުގެ ކަންކަން ކަމަށް ވެސް ލުބުނާ ވިދާޅުވެފައިވެއެވެ.

އެންޑީއޭގެ ބޯޑު އަލުން އެކުލަވާލުމަށްފަހު އެ ބޯޑުން ބޭއްވި ފުރަތަމަ ބައްދަލުވުމުގެ ތެރެއިން އެންޑީއޭގެ ޗެއާޕާސަން ލުބްނާ ޒާހިރު. މިދިޔަ ޖުލައި މަހު ބޭއްވި އެ ބައްދަލުވުމުގައި ބޯޑުން ވަނީ ފަރުވާ ހަރުދަނާކުރުމާއި، އަވަސްކުރުމަށް މަޝްވަރާކޮށް ގޮތްތަކެއް ނިންމާފަ. ފޮޓޯ: އެންޑީއޭ
މިދިޔަ ޖޫން މަހު އެންޑީއޭގެ ބޯޑުން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކޮށް، ކުށުގެ ނެޓްވޯކްތައް ނައްތާލައި، ކަމުގެ އަސްލަށް ވާސިލްވުން ކަމަށް ބުނެފައެވެ.
އެގޮތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރެވޭ އެންމެހާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށްޓަކައި އެންޑީއޭއިން މަސްތުވާތަކެތީގެ ފަރުވާދެވޭ މީހުންނަށް ދެމުންގެންދިޔަ ފަރުވާތަކުގެ އިތުރުން މެޑިކަލް ފަރުވާ ހިމެނުމާއި، ރެސިޑެންޝަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވާލައި، މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާއަށް ގެނައުމަށްޓަކައި އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ޕްރިވެންޝަންގެ މަސައްކަތްތަކަށް ކުރާ ހޭދަ ބޮޑުކޮށް، ޕްރިވެންޝަންގެ މަސައްކަތްތައް އެކިއެކި އުމުރުފުރާއަށް ޓާގެޓްކޮށްގެން ގައުމީ ފެންވަރުގައި ކުރުމުގެ މަސައްކަތްތައް ރޭވިގެން ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ. އަދި ރިކަވަރީގައި ތިބި ފަރާތްތަކަށް އާފްޓަރކެއަރގެ ޚިދުމަތްތައް ފަށައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި ސިވިލް ސޮސައިޓީއާއެކު ވަރުގަދަ ޕާޓްނަރޝިޕެއް އުފައްދައި، ކޮމިއުނިޓީތަކަކީ މަސްތުން ސާފު ތަނަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އެންޑީއޭއިން ނެރުނު ބަޔާނުގައިވެއެވެ.
ރާއްޖޭގައި މަސްތުވާތަކެތި އާންމުވެފައިވާ މިންވަރަށް ބަލާއިރު، ނުރައްކާތެރި މަސްތުވާ އެއްޗެއް ކަމަށްވާ މެތަމްފެޓަމިން އަދި ގިނަ ބާވަތުގެ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް ޑޮކްޓަރުން ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މެތަމްފެޓަމިންގެ އިތުރުން ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އާއި ކެނަބިސްއެވެ. ފާއިތުވިި 7 އަހަރުގެ ތެރޭގައިވެސް ރާއްޖޭގައި އެންމެ އާންމުކޮށް ގެންގުޅުނީ މަސްތުވާތަކެތީގެ މި ދެ ބާވަތެވެ.
މަދުން ނަމަވެސް މަސްތުވާތަކެތީގެ އެހެން ބާވަތްތައް ރާއްޖޭން ވެސް ފެންނަމުންދާތީ، އެކަމަށް ސަމާލުވެ، ފަރުވާގެ ނިޒާމު ގާއިމު ކުރުމަށް އެންޑީއޭއިން ވަނީ އަމާޒު ހިފާފައެވެ.

